30 Jun 2019, 19:59
މާމިގިލީ އެއާޕޯޓުގެ ސެކިއުރިޓީ ފަޅާލައި ދުވެފައި ގޮސް ފްލައިޓަށް އެރި މީހަކު ފުލުހުން ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު ޖަހަން މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެމީހާ ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު މާމިގިލީ އެއާޕޯޓުގެ ސެކިރިޓީ ފަޅާލައި ފްލައިޓަށް އެރި 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ހެނދުނު 10:18 ހާއިރު މާމިގިލީ އެއާޕޯޓުގައި ވީޕީ605 ފުރަން ތައްޔާރުވެފައި ވަނިކޮށް އެއާސައިޑަށް ވަދެވޭ ގޮތަށް ހުންނަ ގޭޓުން އާންމުންގެ މީހަކު ދުވެފައި ގޮސް މަންމައެއްގެ އަތުގައި އިން ކުޑަކުއްޖަކު އަތުލައިގެންފައިވާ ކަމަށެވެ.
"ހާދިސާ ހިނގި ވަގުތު ސެކިއުރިޓީ ޗެކް ޕޮއިންޓް ޑިއުޓީގައި އިންނެވި އޮފިސަރު އެމީހާ ހުއްޓުވަން މަސައްކަތް ކުރުމުން އޭނާ އެއަށް އިޖާބަނުދީ ދުވެފައި ފްލައިޓަށް އެރުމުން ސެކިއުރިޓީ އޮފިސަރު ވަނީ އޭނާ ފްލައިޓުން ބާލުވައި ފުލުހުންނާއި ހަވާލުކޮށްފައި." އޭވިއޭޝަން ސެެކިއިޓީ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އޭވިއޭޝަން ސެެކިއިޓީ ކޮމާންޑުން ބުނީ ވައިގެ ބަނދަރާ ބެހޭގޮތުން ހެދިފައި ހުންނަ ގާނޫނުތަކާއި ގަވައިދުތަކަކީ އެންމެންގެ ރައްކާތެރި ކަމަށް ހެދިފައި ހުންނަ އެއްޗެއް ކަމަށާއި އެހެންވީމަ އެއާ ހިލާފަށް އަމަލު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.