30 Jun 2019, 17:53
ގުދުސް (ޖޫން 30): އިސްރާއީލުން ފަލަސްތީނުގެ މިނިސްޓަރަކު ހައްޔަރުކޮށް، ސުވާލުކޮށްފި ކަމަށް އިސްރާއީލުގެ ފުލުހުން ބުނެފި އެވެ.
އިސްރާއީލް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ގުދުސްގެ ކަންތައްތައް ބަލަހައްޓަވާ ފަލަސްތީނުގެ މިނިސްޓަރު ފާދީ އަލް ހަދާމީ ހައްޔަރު ކުރީ "ގުދުސްގައި ހިނގި ބައެއް ކަންތައްތަކާ" ގުޅިގެންނެވެ.
ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި އަލް ހަދާމީ ހައްޔަރު ކުރީ މިއަދު ހެނދުނު އިސްރާއީލްގެ ފުލުހުން މިނިސްޓަރުގެ ގެޔަށް ދިޔުމަށް ފަހު، އެގެ ބަލާ ފާސް ކުރުމަށް ފަހުގަ އެވެ. އަދި އަލް ހަދާމީގެ އިތުރުން ގުދުސް އާއި ފަލަސްތީނުގެ އިތުރު ސަރަހައްދަކުން ފަސް މީހުން ހައްޔަރުކޮށްފައިވެ އެވެ.
އެމީހުން ހައްޔަރު ކުރި ސަބަބައެއް އިސްރާއީލުން ހާމަ ނުކުރެ އެވެ.
އަލް ހަދާމީއާ ގާތް ފަރާތްތަކުން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރި ކަމަށް ބެލެވެނީ މިދިޔަ އަންގާރަ ދުވަހު ޗިލީގެ ރައީސް ސަބޭސްޓިއަން ފަލަސްތީނަށް ވަޑައިގަތުމުން، ރައީސާއެކު އަލް އަގްސާއަށް ޒިޔާރަތް ކުރެއްވުމުންނެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ ޗިލީގެ ރައީސް ފަލަސްތީނުގެ މިނިސްޓަރާ އެކު އަގްސާއަށް ޒިޔާރަތް ކުރެއްވުން ކުށްވެރިކޮށްފަ އެވެ. އަދި އެދަތުރުފުޅުގެ ކުރިން ޗިލީން ވަނީ ރައީސް ފަލަސްތީނުގެ އޮފިޝަލުންނާ އެކު އަގްސާއަށް ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް އެމިނިސްޓްރީން ބުންޏެވެ.
އިސްރާއީލުގެ މީޑިއާތަކުން ވަނީ އޭގެ ސަބަބުން ޗިލީގެ އެމްބަސީން ވަނީ ޕިނޭރާ އަލް އަގްސާއަށް ކުރެއްވީ "ޕްރައިވެޓް" ޒިޔާރަތެއް ކަމަށާއި، ރަސްމީ ގޮތެއްގައި އެޒިޔާރަތުގައި ބައިވެރިވީ ޗިލީގެ އޮފިޝަލުން އެކަނި ކަމަށް ބުނެފަ އެވެ.
އަލް ހަދާމީ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިރުމަތީ ގުދުސްގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތެއްގެ ގަޔަށް ބަޑި ޖަހާ މަރާލުމާ ގުޅިގެން އެސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.