މެންޗެސްޓާ ސިޓީގެ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ބާސެލޯނާ ދޫކޮށް ދިއުމުގައި އެކުލަބުގެ ކޯޗު ޕެޕް ގާޑިއޯލާގެ އަތެއް ނުވާ ކަމަށް އޭނާ ބުނެފި އެވެ.

ބާސާ ދޫކޮށް ޓޫރޭ ދާން އުޅުމުން އެކަން ހުއްޓުވަން މަސައްކަތް ކުރި ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

ބާސާ ދޫކޮށް 2010 ވަނަ އަހަރު މެންސިޓީއަށް ޓޫރޭ ބަދަލުވީ ކޯޗު ގާޑިއޯލާ އާއި ދެމެދު ގާތް ގުޅުމެއް ނެތުމުން ކަމަށް މިދިޔަ އަންގާރަ ދުވަހު ޓޫރޭ ވަނީ ބުނެފަ އެވެ. ނަމަވެސް ގާޑިއޯލާ ވަނީ މިކަން ދޮގުކޮށްފަ އެވެ.

"މި މައްސަލަ އާއި ބެހޭގޮތުން މާގިނަ ވާހަކަތަކެއް ދައްކާކަށް ނެތިން. ކުޅުންތެރިންނަށް އަހަރެންގެ ގޭގެ ދޮރާއި އޮފީހުގެ ދޮރު ވާނީ ހުޅުވާލާފައި. ހަގީގަތަކީ ބާސާ އިން ޓޫރޭ ވަކިވުމުގެ ކުރިން ކުލަބުގެ ރައީސް ޖޯން ލަޕޯޓޯ އަށް ވާހަކަ ދެއްކި. އަހަރެމެން އޭނާ ހިފެހެއްޓުމަށް ވެސް މަސައްކަތް ކުރިން." ގާޑިއޯލާ ބުންޏެވެ.

އުމުރުން 28 އަހަރުގެ ޓޫރޭ ވަނީ މެންސިޓީ އަށް ބަދަލުވި ފުރަތަމަ ސީޒަނުގައި އެކުލަބާއި އެކު އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގަށް މެންސިޓީ ކޮލިފައިކޮށް ދިނުމުގައި ޓޫރޭ އިސް ދައުރެއް އަދާކޮށްދީފައި ވެއެވެ.