30 Jun 2019, 15:45
ނޮވެމްބަރު ތިނެއް 1988 ވަނަ އަހަރު ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ 19 ދިވެހީން ޝަހީދުކޮށްލުމުގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ގުޅިފައިވަނީ އެތައް ދިވެހިންގެ މަރާއި ކަމަށާއި އޭނާ ރާއްޖެ ގެންނާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އުމުރު ދުވަހަށް 25 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ލުތުފީ، ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވާލީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 16ގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އެފަހުން ލުތުފީ ފިލައިގެން ދިރިއުޅެމުން އަންނަނީ ލަންކާގަ އެވެ.
ލުތުފީ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވީ ނަމަވެސް މި ވީހާތަނަށް އޭނާ ރާއްޖެ ގެނެވިފައެއް ނުވެ އެވެ. އަދި ދާދި ފަހުން ވަނީ އޭނާ ލަންކާ އެމްބަސީގައި ހުރިކަން ފަޅާ އަރާފަ އެވެ.
އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ސުވާލު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ، އަބްދުﷲ ލުތުފީ ހިންގެވި ކަންތައްތަކުގެ ސަބަބުން އެތައް ބައެއްގެ މަރުވެ ގޮސް، އެތައް ރައްޔިތުންނަކަށް ތަކުލީފާ ކުރިމަތިވި ކަމަށެވެ. އަދި ލުތުފީ އަނބުރާ ގެންނަން މި ސަރުކާރުން ކުރެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަބްދުﷲ ލުތުފީ ގުޅިފައި ހުރީ ދިވެހިންގެ ހިތްތަކުގައި ވަރަށް ވަރަށް ވަރަށް ހިތާމެވެރި އެތައް އެތައް ހާދިސާއެއް ހިނގައިދިޔަ ކަންކަމާ. ކަތަންމެ ބައެއްގެ މަރާއި އެތައް ބަޔެއްގެ ދައްޗާއި ކިތަންމެ ބައެއްގެ ބިރުވެރިކަމާއި އެތައް ތަކުލީފަކާއި،" ނަޝީދު ވިދާޅުވި އެވެ.
އަބްދުﷲ ލުތުފީ މާލެ ގެނައުމަކީ ހުރިހާ ސަރުކާރަކުން ވެސް ކޮންމެހެން އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަބްދުﷲ ލުތުފީ މާލެ ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ލުތުފީ ރާއްޖެއަށް ގެނައުމާއި ގުޅޭ ގޮތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅިފައިވާ ކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ އެ މައްސަލައިގެ ވަޒީރާއި ސުވާލު ކުރުމަށް 14 ދުވަހުގެ ނޯޓިސް އެއް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ 14 ދުވަސް ހަމަވުމުގެ ކުރިން ލުތުފީ، ރާއްޖެ ގެނެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ލުތުފީ ހޯދައި ހައްޔަރުކޮށް އޭނާގެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް 2012 ވަނަ އަހަރުގެ މާޗް މަސްތެރޭ ކުރިމިނަލް ކޯޓުން އަމުރެއް ވެސް ވަނީ ނެރެފަ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ލުތުފީ ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.