30 Jun 2019, 15:06
ލަންކާގައި ފިލައިގެން އުޅެމުން ދިޔަ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ކުރީގެ ސަރުކާރުގައި ރާއްޖެ ގެނައުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާފައި ނުވާ މައްސަލަ ތަހުގީގުކޮށް ދިނުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަންގަވައިފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލުތުފީ ފިލައިގެން އުޅެން ފެށިފަހުން، 2012 އާއި 2016 ވަނަ އަހަރާއި ދެމެދު، ތަފާތު އެކި ފަހަރުމަތިން ފުލުހުންގެ ރަސްމީ މަސައްކަތުގެ ތެރެއިން އޭނާ ފިލައިގެން އުޅުނު ތަންތަނާ ބެހޭ މައުލޫމާތު ޔަގީނާއިގާތަށް ލިބި، އެ މައުލޫމާތު ފުލުހުންގެ ކަމާއިގުޅުންހުރި އިސްވެރިންނާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެއިރު ނާޅާ އޮތް ސަބަބު ބަލައި ތަހުގީގު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ޕޮލިސް ކޮމިޝަނަރު ހަމީދު ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްއަށް ރަސްމީކޮށް ލިޔުމުން އަންގަވާފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
އުމުރު ދުވަހަށް، ޖުމްލަ 25 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ލުތުފީ، ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވާލީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 16ގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އެފަހުން ލުތުފީ ފިލައިގެން ދިރިއުޅެމުން އަންނަނީ ލަންކާގަ އެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ، ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް އަވަސްކޮށް ދިނުމަށް އެދި އެ ގައުމުގެ ފުލުހުންގެ އިސް ފަރާތްތަކާއި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ އިސްވެރިންނާ އެކި ފަހަރު މަތިން މިހާތަނަށް މުއާމަލާތްކޮށްފައިވާ ކަމަށެވެ.
"ޢަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ލަންކާގެ ކަމާއިބެހޭފަރާތްތަކުގައި ދަންނަވާފައިވާ ކަންކަމަށް އަވަސް ފިޔަވަޅެއްއަޅުއްވައިދެއްވުމަށް، ފުލުހުންނާއި ފުލުހުން އޮންނަ ގުޅުމުގެ ތެރެއިން، ސްރީ ލަންކާ ޕޮލިސް ފޯސްގެ އެކްޓިން އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސީ.ޑީ. ވިކްރަމަރަތުނަ އާއި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ރަވީ ސެނެވިރަތުނައަށް ފޯން އަދި ސިޓީއިން އެކި ފަހަރުމަތިން މުއާލާތް ކުރެވިފައިވެ އެވެ. ޢަބްދުﷲ ލުތުފީ ގާތުގައި މިހާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމްއެއް ސްރީ ލަންކާގައި ހަރަކާތްތެރިވަމުންދެ އެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ލުތުފީ ރާއްޖެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތުގެ ތެރެއިން މިހާރު ބަލަމުން އަންނަ މައްސަލައަކީ، ސްރީ ލަންކާގެ އެއްވެސް އިދާރާއަކުން ލުތުފީގެ މައްސަލައެއް ބަލަމުން ދޭތޯ ކަމަށެވެ. އަދި އޭނާއަކީ ގިނަ ދުވަސްތަކެއްވަންދެން ސްރީ ލަންކާގައި ގަވައިދާއި ހިލާފަށް އުޅެފައިވާ މީހަކަށްވާތީ، ސްރީ ލަންކާގައި އޭނާއަކީ
އެއްވެސް މައްސަލައެއްގައި ހޯދާ މީހެއްތޯ ބަލައި އަދި އޭނާ އާއިމެދު އެއްވެސް ތަހުގީގެއް ހިންގާތޯ ބެލުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އަބްދުﷲ ލުތުފީ އަކީ ދިވެހިރާއްޖޭގެ ސަރުކާރުން ހޯދާ މީހަކަށްވާތީ، ސްރީ ލަންކާގެ އިދާރާތަކުން ހޯދަންޖެހޭ ކްލިއަރެންސް ހޯދުމުގެ މަސައްކަތްތައް ކުރެވެމުން ދެއެވެ،" ބަޔާނުގައިވެ އެވެ.