ރާއްޖެއިން ބޭރު ގައުމުތަކާ ގުޅުން ބަދަހިކުރާއިރު ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދުވަހުންފެށިގެން ހާރިޖީ ގުޅުންތައް ބަދަހި ކުރުމަށް މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

"އެހެންނަމަވެސް، އެ ގުޅުންތައް އަލުން އިއާދަކުރުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުޑަވެސް ގެއްލުމެއް ލިބޭ ފަދަ ކަމެއް އަޅުގަނޑުމެން ނުކުރަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެފަދަ ކަމެއް ނުވެސްކުރާނަން. އަޅުގަނޑުމެން އަވަށްޓެރިންނާއި، ރާއްޖެއަށް ހެޔޮއެދޭ ޤައުމުތަކާ އެކު ގުޅުންތައް އުފައްދާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަށް،" ރައީސް ވިދާޅުވީ ގުޅުން ބަދަހިކުރާއިރު ރާއްޖޭގެ އިގްތިސޯދީ ތަރައްގީއަށް ފައިދާ ލިބޭ ގޮތްތަކަށް އިސްކަންދެއްވާނެ ކަމަށެވެ.

ރާއްޖެއިން ކޮމަންވެލްތާ ގުޅުމަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައިވާ ކަމަށާއި ރާއްޖެ ކޮމަންވެލްތުގެ ގައުމަކަށް އަލުން ވުމުން ކޮމަންވެލްތުގެ ގައުމުތަކުން ރާއްޖެއަށްދޭ އެހީތައް އިތުރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސިންގަޕޫރަކީ ތަރައްގީ އާއި ކުރިއެރުމުގެ ރޮނގުން ދިވެހިން މިސާލު ޖަހާއުޅޭ ގައުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިންގަޕޫރަކީ ކޮން ތަނެއްކަން ނޭނގޭއިރު ވެސް، މާލޭގައި ސިންގަޕޫރު ބާޒާރެއް އޮންނަ ކަމަށެވެ. މިހާރު ވެސް ވިޔަފާރީގެ އެކި ބޭނުންތަކުގައްޔާއި ފެންވަރު ރަނގަޅު މުދަލާއި، ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ހޯދުމަށް ގިނަ ދިވެހިން ސިންގަޕޫރަށް ދަތުރުކުރާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޒިންމާދާރު ވަަޒީފާތައް އަދާކުރުމަށް ވެސް ގިނަ ދިވެހިންތަކެއް ސިންގަޕޫރުގައި އުޅޭ ކަމަށެވެ.

"އޭގެތެރޭގައި ޑޮކްޓަރުންނާއި، ކޮމްޕިއުޓަރ ޕްރޮގްރާމިން ފަދަ ޕްރޮފެޝަނަލް ދާއިރާތަކުގެ ވަޒީފާތަކުގައި އުޅުއްވާ ދިވެހިން ވެސް އެބަ ތިއްބެވި. އަމިއްލަ ވިޔަފާރި ކުންފުނިތައް އުފައްދައިގެން، ސިންގަޕޫރުގައި ކާމިޔާބު ވިޔަފާރިތައްވެސް އެބަ ހިންގަވާ. އެ ބޭފުޅުން އެ ވަޒީފާތަކުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވަނީ. ރާއްޖެ ފަހުރުވެރިވާހާ ފުރިހަމައަށް ޒިންމާދާރުކަމާ އެކުގައިކަން އަޅުގަނޑު ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.

ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީ އިން އެގައުމުގައި އުޅޭ ދިވެހިންނާ ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި އެމްބަސީ އިންދޭ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުމަކާއި އެއްގަމު ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.