ގއ ގެމަނަފުށި ކައިރިން 30 ކިލޯގެ ރަތްމަހެއް ބާނައިފި އެވެ.

މިދިޔަ ހަފްތާ ބޭނި މި ރަތްމަހުގެ ފޮޓޯއެއް މަސްބޭނި މަސްވެރިޔާ އާއެކު ދިވެހި މަސްވެރިން ޕޭޖުގައި ވަނީ ހިއްސާކޮށްފަ އެވެ. އެ މަސްބޭނީ ގެމަނަފުށީ އަހުމަދު މަނިކު (އަމޯ) އެވެ. އަމޯ އެ މަސް ބޭނީ، ފަރުމަހަށް ނިކުމެ އުޅުމުގެ ތެރޭގަ އެވެ.

ދިވެހި މަސްވެރިންގެ ފަރާތުން ވާހަކަ ދައްކަމުން އަހުމަދު ޝާފިއު ބުނީ އާންމުކޮށް ގެމަނަފުށީ ކައިރިން ފަރުމަސް ބޭނި ނަމަވެސް އެހާ ބޮޑު މަހެއް އަދި މިހާތަނަށް ނުބޭނޭ ކަމަށެވެ.

"އާންމުކޮށް ބަނާ މަހުގައި ހުންނަނީ 10 ކިލޯ ނޫނީ 12 ކިލޯ،" ޝާފިއު ބުންޏެވެ.

މިދިޔަ ހަފްތާގައި ބޭނި އެ މަސް އެކި މީހުންނަށް ބަހާލައިގެން މިހާރު ކާލާފައިވާ ކަމަށް ވެސް ޝާފިއު ބުންޏެވެ.