މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ 31 ޕަސެންޓް ހިއްސާ އާންމުންނަށް ވިއްކުމަށް އިއުލާން ކޮށްފި އެވެ.

ހިއްސާ ވިއްކުމަށް ނިންމާ އެމްއައިބީއިން މިއަދު އިއުލާނުކޮށްފައިވާއިރު، ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ އާންމުންނަށް ވިއްކަން އެބޭންކުން ވަނީ ނިންމައިފަ އެވެ. އެއީ އެ ބޭންކުގެ ހިއްސާގެ ތެރެއިން 6.10 މިލިއަން ހިއްސާ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަކީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) ގެ 70 ޕަސެންޓް ހިއްސާ އާއި، ރާއްޖޭގެ ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އަދި އަމާނާ ތަކަފުލްގެ ފަސް ޕަސެންޓް ހިއްސާ އޮންނަ ބޭންކެކެވެ.

އެގޮތުން މިފަހަރު ވިއްކަން ނިންމާފައި ވަނީ އިސްލާމިކް ބޭންކުގެ ނަމުގައި އެބޭންކުގައިވާ ހިއްސާގެ ތެރެއިން 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އައިޑީސީގެ ނަމުގައިވާ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ.

އެމްއައިބީ އިން ހިއްސާއެއް ވިއްކަން ކަނޑައަޅާފައި ވަނީ 35 ރުފިޔާ އަށެވެ. އެ ބޭންކުން ބުނީ ފުރަތަމަ ބުރު ކޮންމެ ފަރާތަކުން ވެސް މަދުވެގެން 20 ހިއްސާ ގަންނަން ޖެހޭނެ ކަމަށެވެ. އެއީ ޖުމްލަ 700 ރުފިޔާގެ ހިއްސާ އެވެ. ފަހުން މި އަދަދު ކޮންމެ 10 ހިއްސާއަކުން ގަންނަން ބޭނުން އަދަދަކަށް އިތުރު ކުރެވޭނެ ކަމަށް ވެސް އެމްއައިބީ އިން ބުންޏެވެ.

އެމްއައިބީ އިން ބުނީ، ހިއްސާ ވިއްކަން ފަށާނީ ޖުލައި 28 ވަނަ ދުވަހު ކަމަށެވެ. ސެޕްޓެމްބަރު 18ގެ ނިޔަލަށް ހިއްސާ ވިއްކަން ވަނީ ނިންމައިފަ އެވެ.

އެބޭންކުގެ ސީއީއޯ އަބުލް އިހްތިޝާމް އަބްދުލް މުހައިމިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެމްއައިބީގެ ހިއްސާދާރަކަށް ވުމުގެ ދައުވަތު ދޭ ކަމަށާއި އެއީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި ފުރުސަތު ބޭނުން ހިފުމަށް ދިވެހި ރައްޔިތުންގެ ކިބައިން ސީއީއޯ ވަނީ އެދިލައްވައިފަ އެވެ.

"ބޭންކުގެ 80،000 ކަސްޓަމަރުން އެބަތިބި. ކަސްޓަމަރުންނަށްވެސް ދައުވަތުދެން ބޭންކުގެ ސްޓޭކް ހޯލްޑަރަކަށްވުމަށް. މިއީ އެ ފުރުސަތު،" ސީއީއޯ ވިދާޅުވި އެވެ.

އެ ބޭންކުން ބުނީ، އޮންލައިންކޮށް އަދި ބޭންކުގެ ބްރާންޗުތަކަށް ގޮސްގެންވެސް ހިއްސާ ގަނެވޭނެ ކަމަށެވެ. އެމްއައިބިގެ ހިއްސާ ގަންނަ ފަރާތްތަކަށް އެމްއައިބީގެ އިތުރުން ބީއެމްއެލްގެ އޮންލައިން ބޭންކިން، ދިރާގު ޕޭ އަދި އުރީދޫ އެމް ފައިސާ މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

އެމްއައިބީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަލީ ވާސިފް ވިދާޅުވީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ރައްޔިތަކަށްވެސް ފަސޭހައިން އެމްއައިބީގެ ހިއްސާ ގަނެވޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އެމްއައިބީގެ ހިއްސާވިއްކުމުގެ ކަންކަން ނޫނީ އައިޕީއޯ ކުރިއަށް ގެންދަނީ، އެންޑީބީއައިބީގެ ބައިނަލްއަގުވާމީ މާލީ ތަޖުރިބާ ކާރުންގެ ލަފަޔާ އެކު އެވެ. އަދި ގާނޫނީ ލަފާދެނީ، ޝާހު ހުސައިން އެންޑް ކޯ އެވެ. އަދި އޮޑިޓް ފާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޭޕީއެމްޖީ އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި މިހާރުވެސް ނުވަ ކުންފުންޏެއް ލިސްޓުކޮށްފައިވެ އެވެ. އެއީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ދިރާގު، އަމާނާ ތަކަފުލް، އެމްޓީސީސީ، އެމްޓީޑީސީ، އެސްޓީއޯ، ސެންޗޫރިއަން، އުރީދޫ އަދި އެޗްޑީއެފްސީ އެވެ.