30 Jun 2019, 11:00
ވޮޝިންޓަން (ޖޫން 30): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ސައްހަ ރައީސެއް ނޫން ކަމަށް އެގައުމުގެ ކުރީގެ ރައީސް ޖިމީ ކާޓާ ތުހުމަތު ކުރައްވައިފި އެވެ.
ކާޓާ ވިދާޅުވި ގޮތުގައި 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވި މިންވަރު ބަލައިފި ނަމަ، ޓްރަމްޕަށް އިންތިހާބު ކާމިޔާބު ނުވާކަން އެނގޭނެ އެވެ. އަދި ޓްރަމްޕް އިންތިހާބުވި ހަމައެކަނި ސަބަބަކީ ރަޝިއާއިން އިންތިހާބަށް ނުފޫޒު ފޯރުވުމެވެ.
"ރަޝިއާއިން އިންތިހާބަށް ނުފޫޒު ފޯރުވި ކަމުގެ އެއްވެސް ޝައްކެއް ނެތް. އަދި އަޅުގަނޑަށް ހީވަނީ، އެކަން ފުރިހަމައަށް ތަހުގީގުކޮށްފި ނަމަ، ޓްރަމްޕަށް އަސްލު އިންތިހާބު ކާމިޔާބު ނުވާކަން ހާމަވާނެހެން. ޓްރަމްޕް އިންތިހާބުން ކާމިޔާބެއް ނުވޭ އަދި އޭނާ މަގާމަށް އިސްކުރެވުނީ ރަޝިއާގެ ނުފޫޒުން،" ކާޓާ ވިދާޅުވި އެވެ.
އަދި ޓްރަމްޕަކީ ސައްހަ ރައީސެއް ނޫން ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރުމުން ކާޓާ ވިދާޅުވި އެވެ.
"އެކަން އޮތީ އަޅުގަނޑު ދެންމެ ދެންނެވި ގޮތަށް އަދި އެބަސްކޮޅު އަނބުރާ ނުގެންދެވޭނެ. އެހެންވީމަ ބުނެވޭނީ އާނއެކޭ [ސައްހަ ނޫނޭ]،" ކާޓާ ވިދާޅުވި އެވެ.
ކާޓާ ދެއްކެވި ވާހަކަފުޅާ ގުޅިގެން ޓްރަމްޕް ވަނީ އޭނާއަށް ފާޑު ވިދާޅުވެފަ އެވެ. އަދި ކާޓާއަކީ "ރަނގަޅު ބޭފުޅެއް ނަމަވެސް އެހާ ރަނގަޅު ރައީސެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ޓްރަމްޕް އިންތިހާބު ކާމިޔާބު ކުރެއްވީ އަމިއްލަ މަސައްކަތުން، ޑިމޮކްރެޓިކް ކެންޑިޑޭޓު ހިލަރީ ކްލިންޓަންގެ މައްޗަށް ކުރި ހޯއްދަވައިގެން ކަމަށް ވިދާޅުވެފަ އެވެ.
"އެންމެންނަށްވެސް މިހާރު އެނގޭ ފަދައިން، އަޅުގަނޑު މޮޅުވީ ރަޝިއާގެ ސަބަބުންނެއް ނޫން. އެއީ ހަމަ އަމިއްލަ މަސައްކަތުން. އަޅުގަނޑު ހިލަރީ ކްލިންޓަންއަށް ވުރެ މާ މޮޅަށް، މާ ވަރުގަދަޔަށް ކެމްޕެއިން ކުރުމުން. އަދި އަޅުގަނޑު ވަނީ ރިޕަބްލިކަން ކެންޑިޑޭޓުންނަށް އެތައް އަހަރެއް ވަންދެން ކާމިޔާބު ނުކުރެވޭ ސްޓޭޓުތައް ކާމިޔާބުކޮށްފަ،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ މައްސަލަ ބެއްލެވި ސްޕެޝަލް ކައުންސެލް ރޮބަޓް މުލާ ވަނީ ރަޝިއާއިން 2016 ވަނަ އަހަރުގެ އިންތިހާބަށް ނުފޫޒު ފޯރުވާފައިވާކަމަށް ނިންމަވާފަ އެވެ. ނަމަވެސް އެއީ ޓްރަމްޕްގެ ކެމްޕެއިނާ ގުޅިގެން ކޮށްފައިވާ ކަމެއްކަން ފާހަގަ ކުރައްވާފައި ނުވެ އެވެ.