27 Oct 2011, 13:20
ސާކް ސަމިޓަށް ފުވައްމުލަކުގައި ހަދާ ކަލްޗަރަލް ވިލެޖުގެ 60 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ކަލްޗަރަލް ވިލެޖްގެ ކަންތައްތައް ކުރިއަށް ގެންދާ ދަޑިމަގު ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލްގެ މެންބަރު އަދި ވިލެޖު ހެދުމަށް އެކުލަވާލި ކޮމެޓީގެ ރައީސް އަހުމަދު ނަޖާހު އިބްރާހިމް ވިދާޅުވީ ނޮވެމްބަރު 10 އަދި 11 ވަނަ ދުވަހު ބާއްވާ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ހެޑް އޮފް ސްޓޭޓުންގެ އަނބިއަނބި ކަނބަލުންނާއި ފިރިފިރިކަލުންގެ ޝަރަފުގައި، ތޫނޑު ސަރަހައްދުގައި ބާއްވާ ސަގާފީ ހަރަކާތްތައް، ދައްކާލުމަށް ހަދާ ވިލެޖުގެ ހުރިހާ ގެއެއްއަޅައި ހިޔާކޮށް ނިމިފައިވާ ކަމަށާއި ދަނޑިފަނުން ހަދާ އެ ގެތަކުގައި މިހާރު ކުރާ މަސައްކަތަކީ ގެތަކުގެ ބިއްތައް ބެއްދުމަށް ފަންލުން ކަމަށެވެ.
ނަޖާހު ވިދާޅުވީ އެ ވިލެޖްގައި ހަދަނީ އަށް ގެ ކަމަށާއި އެ އަށް ގޭގެ މަސައްކަތް ކުރަނީ ފުވައްމުލަކުގެ އަށް އަވަށުގެ ކައުންސިލްތަކުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ވިލެޖުގައި، ވާރުވެރިއެއްގެ އަކާއި ކަތީބެއްގެ ގެއާއި އެދުރެއްގެ ގެއެއްގެ އިތުރުން މަސްވެރިއެއްގެ ގެއާއި ދަނޑުވެރިއެއްގެ ގެއާއި އޮޑިވެރިއެއްގެ ގެއާއި އަތްކަން ކުރާމީހެއްގެ ގެ އަދި އާދައިގެ އާއިލާއެއްގެ ދިރިއުޅުން ދައްކުވައިދޭ ގެއެއް ހިމެނޭނެ ކަމަށެވެ. އަދި މިއިން ކޮންމެ ގެއަކުން އަށް މީހުން ނުވަތަ ނުވަ މީހުންގެ އާއިލާއެއްގެ ދިރިއުޅުން ތަމްޞީލްކޮށްދިނުމަށް ރޭވިފައިވާ ކަމަށާއި މިއިން ކޮންމެ ގެއެއްގެ އާއިލާއަކުން ވެސް ފުވައްމުލަކުގެ ކުރީގެ އާދަކާދަޔާއި ސަގާފަތް ވީހާ ވެސް ފުރިހަމަކޮށް، ކުރީޒަމާނާ އެއްގޮތަށް ތަމްޞީލް ކޮށްދެވޭތޯ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ތަމްސީލުތަކުގެ އިތުރުން ބައެއް ސަގާފީ ކުޅިވަރުތައް ވެސް ދައްކައިލުމަށް ރޭވިފައި ވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ހެޑް އޮފް ސްޓޭޓުންގެ އަނބިއަނބި ކަނބަލުންނާއި ފިރިފިރިކަލުން ފުވައްމުލަކަށް ޒިޔާރަތް ކުރައްވާނީ ނޮވެންބަރު 11 ވަނަ ދުވަހު އެވެ.