30 Jun 2019, 10:56
ލ. ކައްދޫއިން ފޮނަދުއަށް ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި ހިނގި އެކްސިޑެންޓެއްގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 6:35 ހާ އިރު މި އެކްސިޑެންޓު ހިނގީ، ކައްދޫއިން ފޮނަދުއަށް ދިޔަ ކާރެއް، އެ ދެ ރަށުގެ ދެމެދުގައި އޮންނަ ކޯޒްވޭގެ އިރުމަތީ ފަރާތުގައި ޖަހާފައި ހުރި ބްލޮކްސްތަކުގައި ޖެހިގެން ކަމަށެވެ.
އަދި އެ ބްލޮކުތަކުގައި ޖެހި ކާރު ފުރޮޅާލައި، 300 އެއްހާ ފޫޓު ދުރަށް ކާރު ކަހާލައިގެން ދިޔަކަމަށް ފުލުހުން ބުންޏެވެ.

ކައްދޫ-ފޮނަދޫ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓުގައި ފުރޮޅާލައި ގެއްލުންވި ކާރު -- ފޮޓޯ/ އިސްމާއިލް ނަޝީދު
އެކްސިޑެންޓު ވި ކާރުގެ ފޮޓޯތައް "ސަން"އަށް ލިބިފައިވާ އިރު، ފޮޓޯތަކުން ފެންނަ ގޮތުގައި ކާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ފުލުހުން ބުނީ ކާރު ދުއްވަން އިނީ 25 އަހަރުގެ ފިރިހެނެއް ކަމަށާއި، އެކްސިޑެންޓުވި އިރު އޭނާއާ އެކު ކާރުގައި އިތުރު މީހަކު ވެސް އިން ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ލިންކް ރޯޑުގެ ފަސް ސައިޑް ބްލޮކް ނެއްޓި، އަދި އޭގެ ތެރެއިން ތިން ބްލޮކް މޫދަށް ވެއްޓުނު ކަމަށާއި، މަގުގެ ޑިވައިޑަރުތަކުގެ ތިން ފޫޓެއްހައި ވަރު ވެސް ހަލާކުވި ކަމަށް ފުލުހުން ބުނެއެވެ.