ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކަސްޓަމްސްއިން ފަށައިފި އެވެ.

މިއީ، ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ "ގްލޯބަލް ޓްރެވަލްސް އެސެސްމަންޓް ސިސްޓަމް" (ޖީޓާސް) ޕްރޮގްރާމްގެ ދަށުން، އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ) ގެ ހާއްސަ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.

މިނިޒާމް ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތަށް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމެއްވަނީ މި މަހުގެ 17 އިން 25 އަށް ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

ކަސްޓަމުން ބުނީ، މިނިޒާމް ގާއިމްކުރުމުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ބައެއް އެއާލައިންތަކުން ފަސިންޖަރުންގެ މައުލޫމާތު ދުރާލާ މިހާރު ގެންދަނީ ހިއްސާކުރަމުން ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

މިމަސައްކަތް 2020 ވަނައަހަރު މުޅިން ނިމޭއިރު، ރާއްޖެ އަންނަ އަދި ފުރާ ހުރިހާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ލިބިގެންދާނެ ކަމަށް ކަސްޓަމުން ބުންޏެވެ. އަދި ބުނީ މި ނިޒާމުގެ ސަބަބުން ފަސިންޖަރުންގެ ފޮށިތަންމަތި ބަލާފާސްކުރުމުގެ ނިޒާމް ހަރުދަނާވެ، ހައި ރިސްކް ފަސިންޖަރުން ދުރާލާ ދެނެގަނެވޭނެ ކަމަށެވެ. އެފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލާފާސްކުރުމުގެ ކަންތައްތައް ކުރިއަށްގެންދާނެ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ. މި ނިޒާމާ އެކު ކަސްޓަމްސްގެ މަސައްކަތް ވަރަށް ބޮޑު ތަނުން ހަލުއިވެ، ރާއްޖޭގެ އިގްތިސާދީ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ވެސް ބުންޏެވެ.

'ޖީޓާސް' ނިޒާމް ގާއިމްކޮށް މިނިޒާމް ބޭނުންކުރާނެގޮތުގެ ތަމްރީން ޕްރޮގްރާމެއް ކަމާގުޅޭ މުވައްސަސާތަކަށް މިހާރު ވަނީ ހިންގައިފަ އެވެ. މިތަމްރީން ޕްރޮގްރާމްގައި ކަސްޓަމްސްގެ އިތުރުން ފުލުހުންނާއި އިމިގްރޭޝަނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އޮފިސަރުން ބައިވެރިވި އެވެ.