27 Oct 2011, 12:50
ރާއްޖެ އަށް މިދުވަސްވަރު ވިއްސާރަ ކުރަނީ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކަމަށާއި އެ ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެ އަށް މެދު ނުކެނޑި ކުރާނެ ކަމަށް މީޓިއޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފި އެވެ.
އެ ސެންޓަރުން ބުނީ މިހާރު ކުރާ ވިއްސާރާގައި މެދު ރާއްޖެތެރެ އާއި ދެކުނުގެ ރަށްތަކަށް 10 މޭލާއި 20 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ރާއްޖޭގެ އުތުރުގެ ރަށްތަކަށް ހަތް މޭލާއި 15 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 35 މޭލާއި 45 މޭލަށް ވައި ބާރުވާނެ ކަމަށެވެ. މީގެ އިތުރުން ގުގުރައި ވިދުމުގެ އިތުރުން ބައެއް ރަށްތަކަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު ކަނޑުތައް އާދައިގެ ވަރެއްގައި ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓަށް އުފުލޭނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.
މީޓިއޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ ކަނޑު ދަތުރުކުރާ މީހުން މި ދުވަސްކޮޅު މޫސުމަށް ބައްލަވައިގެން ދަތުރުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.