ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ ގެއްލުމާ ގުޅިގެން ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންއިން އެކުލަވާލި ރިޕޯޓް ރައްުޔިތުންގެ މަޖިލީހާ ހިއްސާކޮށްފި އެވެ.

އެޗްއާރުސީއެމްއިން މިއަދު ހަވީރު ކުރި ޓުވީޓެއްގައި ބުނީ ޝައިމްގެ މައްސަލަ ތަހުގީގުކުރަނީ ހައްސާސީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާއާ ގުޅޭ ރިޕޯޓްގައި ހިމަނައިފައިވަނީ ޝައިމް ގެއްލުމަށްފަހު މިއަދާ ހަމައަށް ލިބުނު މައުލޫމާތުތަކުގެ މައްޗަށް ކަަމަށެވެ.

ޝައިމް ގެއްލުމާ ގުޅިގެން، ޖެންޑާ މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ވަނީ ނޯޓިސްވެސް ފޮނުވައިފައެވެ.

އެ މައްސަލައިގައި މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.

ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ބެލިފައި ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ފަހުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. މިނިސްޓަރު ވިދާޅުވީ ހިޔާގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބޭ މުވައްޒަފުންނަކީ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިތިބި މީހުން ނޫން ކަމަށެވެ.

ޝައިމް ގެއްލިގެން ހޯދާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު އޭނާގެ ހަބަރެއް އަދި ނުވެ އެވެ. ޝައިމް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ އިރު އެކަމުގައި އާންމުންގެ އެހީއަށް ވަނީ އެދިފަ އެވެ.

ޝައިމް ގެއްލުމާ ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.