30 Jun 2019, 11:49
ރާއްޖޭގެ އުތުރުގައި ހިންގާ ލަގްޒަރީ ރިސޯޓު ޖޭއޭ މަނަފަރުގެ ވިޔަފާރި ދަށްވެފައި ވާ ކަމަށް ބުނެ، އެ ރިސޯޓުގެ ގިނަ މުވައްޒަފުންތަކެއް ކަނޑާލަން ނިންމައިފި އެވެ.
ހއ. މަނަފަރުގައި ހިންގާ ފަސް ތަރީގެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވުލެޑް ރެޔެސް ސޮއިކުރައްވައި، މުވައްޒަފުންނަށް ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ މި އަހަރު އެ ރިސޯޓުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.
އާމްދަނީ އިތުރުކުރުމަށާއި ހަރަދުތައް ކުޑަކުރެވިދާނެ ހުރިހާ ގޮތްތަކެއް މެނޭޖްމަންޓުން ބަލާފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރު ދިމާވެފައިވާ ހާލަތުން ރިސޯޓުގެ ބައެއް ކަންކަން ރީސްޓްރަކްޗާކޮށް، ބައެއް މަގާމުތައް އުވާލަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"މި ކަންކަމުގެ ސަބަބުން ބައެއް މަގާމުތައް އުވޭނެ. އެކަމަކު އިތުރަށް ރިސޯޓުގެ އުފެއްދުންތެރިކަން އިތުރުވެ، މާލީ ހާލަތު ރަނގަޅުކުރެވޭނެކަމަށް ބެލެވޭ،" ޖެނެރަލް މެނޭޖަރު ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.
އެ ސިޓީގައި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވިދާޅުވެފައި ވަނީ މި ހާލަތުގެ ސަބަބުން އަސަރުކުރާނެ މުވައްޒަފުންނާ ވަކިވަކިން ވާހަކަދައްކާނެ ކަމަށެވެ.
ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގައިވާ ގޮތުގެ މަތިން ލިބެން ޖެހޭ މާލީ ބަދަލުތަކުގެ އިތުރުން ރިސޯޓުގެ ފަރާތުން އިތުރަށް ވެސް ފައިސާ ދޭނެ ކަމަށް އެ ސިޓީގައި ޖެނެރަލް މެނޭޖަރު ވިދާޅުވެފައިވެ އެވެ.
ދުބާއީގެ ޖަބަލް އަލީ (ޖޭއޭ)އިން މިހާރު ހިންގާ މަނަފަރުން ގިނަ އަދަދެއްގެ މުވައްޒަފުން ކަނޑާލާތީ އެ ރިސޯޓުގެ ބައެއް މުވައްޒަފުން އިއްޔެ ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭއޭ މަނަފަރުގައި ހިނގައިގެން އުޅޭ ކަންކަން، މިނިސްޓްރީން ގާތުން ބަލަމުން ދާ ކަމަށާއި މިނިސްޓްރީގެ ސަމާލުކަމަށް މިކަން އައި ހިސާބުން މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.
"ރިސޯޓު މުވައްޒަފުންނާއި މެނޭޖްމަންޓުގެ ހައްގުތައް ކަށަވަރުކުރުމުގައި މި ސަރުކާރުން ފަހަތަކަށް ނުޖެހޭނެ." މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ވަކި ފަރާތަކަށް ނުޖެހޭނެ ކަމަށާއި ގާނޫނާއި ގަވައިދާ ހިލާފަށް މުވައްޒަފުންނަށް ނުވަތަ މެނޭޖްމެންޓަށް ވެސް ގެއްލުންވެ ދިޔަ ނުދޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.