29 Jun 2019, 15:04
ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ސިންގަޕޫރަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ އެ ދަތުރުގައި ސަރުކާރުގެ ހާއްސަ ވަފުދެއްވެސް ބައިވެރިވެލައްވާ ކަމަށެވެ. އެ ވަފުދުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބޭފުޅުން ބައިވެރިވެލައްވައެވެ.
މިއީ ރާއްޖެއާ ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން އިތުރުަށް ބަދަހި ކުރުމުގެ މަގްސަދުގައި ކުރައްވާ ދަތުރެއް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި ސަލާމަތީ ދާއިރާއާއި ވިޔަފާރި، ސިއްހީ، އަދި ތަޢުލީމީ ދާއިރާ ފަދަ ދާއިރާތަކުން ދެގައުމުގެ މެދުގައި އިރުަށް ގުޅުން ބަދަހިކުރުން ހިމެނެއެވެ.
ރައީސް އޮފީހުން ބުނީ އެ ދަތުރުގައި ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބާއި ބޮޑުވަޒީރު ލީ ސިއެން ލޫންގަ އާއި ވަކިވަކީން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ސޯލިހުގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސް ހާއްސަ ޖާފަތެއްވެސް ދިނުމަށް ވަނީ ނިންމައިފައެވެ.
ރައީސްގެ ދަތުރުގައި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ދިމާވެފައިވާ އެކި ދަތިތައް ހިއްސާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން އައި.އެސް.ޑީ ކައުންޓަރ- ޓެރަރިޒަމް ސެންޓަރ އަދި ސިންގަޕޫރުގެ ނެޝަނަލް އެންވާރަމަންޓް އެޖެންސީގެ ބެލުމުގެ ދަށުން ހިންގާ ޕަލައު ސިމަކު ލޭންޑްފިލް، އަށް ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިއީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެންފަހުން ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. މީގެ ކުރިން ރައީސް ވަނީ ލަންކާ އިންޑިއާ އަދި ސައުދީއަށް ރަސްމީ ދަތުރުގައި ވަޑައިގެންފައެވެ.