ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިހާރު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގައި އެއަތޮޅުގެ ސިއްހީ ހިދުމަތްދޭ ތަންތަން ބައްލަވާލައްވައިފިއެވެ.

އަމީންގެ ދަތުރުގައި އެ އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެލައްވައެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓަރުގެ ދަތުރުގައި ލ. އަތޮޅުގައި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދިމާވެފައިވާ މައްސަލަތައް ބައްލަވައި ރަނގަޅުކުރެވޭނެ ކަންތައްތައް ބައްލަވަމުންދާ ކަމަށެވެ.

އެގޮތުން އަންނަ ޑިސެމްބަރުމަހުގެ ކުރިން ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

" މިސާލަކަށް ވަރަށް ބޮޑަށް ބޭހުގެ ދަތިކަން އެބަ ކުރިމަތިވޭ. ދެން ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަންވެސް ދިމާވޭ،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ އަތޮޅުގައި ބަލިމީހުން އެކި ޑޮކްޓަރުންނަށް ރެފަރކުރުމުގައާއި އަދި ސީ އެމްބިއުލެންސްގެ ހިދުމަތްތަކުގައިވެސް ދަތިތައް ދިމާވާ ކަމަށެވެ.

ހެލްތު މިނިސްޓަރު މީގެ ކުރިން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެއަށް ޑޮކްޓަރުންގެ ފެންވަރުބަލައި އެމީހުން ރެކްރޫޓުކުރުމުގައި އޮރިއެންޓޭޝަން ޕްރޮގްރާމްތައް ބާއްވާނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި މާލެއާއި އެއްފެންވަރުގެ ފަސް ހޮސްޕިޓަލެއް ހެދުމަށް ނިންމާފައިވާ ކަމަށްވެސް ދާދި ފަހުން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.