ވޮޝިންޓަން (ޖޫން 29): އެމެރިކާގެ ޖޯޖިއާގައި ކޮތަޅަކަށް ލައި، އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާ އެޑޮޕްޓުކުރަން ބޭނުން އެތައް އާއިލާއެއް އެބަތިބި ކަމަށް އެ ސްޓޭޓުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މިހާރު "އިންޑިއާ"ގެ ނަން ދީފައިވާ އެ އަންހެނުން ކުއްޖާ ފެނުނީ މިމަހުގެ ހަވަނަ ދުވަހު ޖޯޖިއާގެ އާއިލާއަކަށް ކުއްޖަކު ރޯ އަޑު އިވިގެން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ. އަދި ފުލުހުން ގޮސް، ކުއްޖާ ކޮތަޅުން ނަގާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން ވަނީ ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ކުއްޖާ އޮތީ ފޫޅުދަނޑިއާވެސް އެކުގައެވެ.

އެ ކުއްޖާއަށް ފަރުވާ ދިން ޑޮކްޓަރުން ބުނީ އިންޑިއާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި މިހާރު ބަރުދަން އިތުރުވެ، ސިއްހަތު ރަނގަޅު ކަމަށެވެ. އެ ކުއްޖާ މިހާރު އޮތީ އެޑޮޕްޓު ކުރަންދެން ޗައިލްޑް ސާވިސަސްގެ ބެލުމުގެ ދަށުގައެވެ.

އިންޑިއާގެ އާއިލާ ނުވަތަ ގާތް ތިމާގެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް ޖޯޖިއާގެ ޗައިލްޑް ސާވިސަސްގެ ޑިރެކްޓަރު ޓޮމް ރޯލިންސް ވިދާޅުވި ގޮތުގައި އެކުއްޖާ އެޑޮޕްޓު ކުރަން އެތައް ހާސް އާއިލާއަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

"ކުއްޖާއަށް ދާއިމީ އާއިލާއެއް ދިނުމަށް ބޭނުން އެތައް ބަޔަކު ލައިން ހަދައިގެން އެބަތިބި،" ރޯލިން ވިދާޅުވި އެވެ.

އަދި ކުއްޖާ އެޑޮޕްޓު ކުރުމުން، އެއާއިލާއިން ބޭނުން ނަމެއް ދީ، ކުއްޖާގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރެވޭނެ ކަމަށްވެސް ރޯލިން ވިދާޅުވި އެވެ.