29 Jun 2019, 13:25
ދިވެހިރާއްޖޭގެ ކަނޑުގެ ސަަރަހައްދުގައި ދަތުރުކުރާ ހުރިހާ ކަނޑު އުޅަނދުފަހަރެއްގައި ޓްރެކިން ޑިވައިސް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މިއަދު އެމްއެންޑީއެފްގެ ލީޑަރޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓްގާޑްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް މިހާރު ހުރި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވެން ހުރީ ކޮން ކަންތައްތަކެއްތޯ ބެލުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އެގޮތުން، ގެއްލިގެން ހޯދާ އުޅަނދުތަކާއި ހާލުގައި ޖެހިގެން އުޅޭ އުޅަނދުތައް ހޯދުމުގައި ޓްރެކިން ޑިވައިސް ބޭނުން ކުރުމާ ބެހޭގޮތުން އޭނާ ވާހަކަފުޅު ދެއްކެވިއެވެ. ޒުހައިރު ވިދާޅުވީ، ހުރިހާ ކަނޑު އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސް ހަރުކުރެވިއްޖެނަމަ ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"އެހެން ވެއްޖެކަމަށް ވިއްޔާ ހާލުގައި ޖެހޭ އުޅަނދު ފަހަރު އަޅުގަނޑުމެންނަށް ޓްރެކް ކުރެވިގެންދާނެ. އެހެންވީމާ އެމީހުން ހޯދުމަށް މިހާރު ދާ ވަގުތަށް ވުރެ އަވަސް ވަގުތެއްގައި އެމީހުން ހޯދި ސަލާމަތުގެ އައްސޭރިއަކަށް އެ މީހުން ގެނެވިގެން ދާނެ،" ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހުރިހާ އުޅަނދުތަކެއްގައި އެފަދަ ޑިވައިސް ބެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް އެބަ ކުރަން ޓްރެކިން ޑިވައިސް ހުރިހާ އުޅަނދުފަހަރެއްގައި ބެހެއްޓޭތޯ." ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ސެޓްލައިޓު އިމޭޖަރީ ބޭނުންކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އަދި ސެޓަލައިޓް އިމޭޖަރީ ބޭނުންކޮށްގެން ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ މެކޭނިޒަމެއް ގާއިމު ކުރެވިއްޖެނަމަ ދިވެހި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ސިފައިން މިހާރަށް ވުރެ ގާބިލު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، މިހާރު ގާއިމުކުރަމުންދާ ކޯސްޓަލް ރާޑާ ނެޓްވޯކަކީވެސް ދިވެހި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ އެއްޗެއް ކަމަށް ޒުހައިރު ވިދާޅުވިއެވެ.