29 Jun 2019, 13:18
ކޮލޮމްބޯ (ޖޫން 29): ސްރީލަންކާގެ މަޝްހޫރު އެކްޓަރު އަދި މިނިސްޓަރ އޮފް ހައިވޭސް، ރަންޖަން ރާމަނާޔަކަ އުމުރުން 57 އަހަރުގައި އޭ ލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ތައްޔާރުވާން ފައްޓަވައިފިއެވެ.
މިނިސްޓަރު ރާމަނާޔަކަ މީގެ 38 އަހަރު ކުރިން 1981 ގައި އޭލެވެލް އިމްތިހާނުގައި ބައިވެރިވި ނަމަވެސް އެފަހަރު ފެއިލްވީއެވެ. އަދި އަނެއްކާވެސް އިމްތިހާނު ހަދަން ނިންމެވީ ކީއްވެގެންތޯ ސުވާލު ކުރުމުން ރާމަނާޔަކަ ވިދާޅުވި ގޮތުގައި އޭނާ މިހާރު ގެންދަވަނީ އޯޕެން ޔުނިވާސިޓީ އޮފް ކޮލަމްބޯގެ އެކްސްޓާނަލް ދަރިވަރެއްގެ ގޮތުގައި ވަކީލަކަށް ވުމަށް ކިޔަވަމުންނެވެ. އަދި އޭގެ ކުރިން އޭނާ އޭ ލެވެލް އިމްތިހާނު ނިންމަން ބޭނުންވީއެވެ.
"ގާނޫނު ކިޔަވަން ފެށުމުން ހިތަށް އެރި، އެންމެ އަސާސީ ގާނޫނުތައް ނޭނގޭތީ ވަރަށް ގިނަ މީހުންނަށް މައްސަލަތަކާ ކުރިމަތިލާން ޖެހެއޭ. އެހެންވެ އޭ ލެވެލް ހަދަން ބޭނުންވީ،" ރާމަނާޔަކަ ވިދާޅުވިއެވެ.
ޕާލަމެންޓުގެ މެމްބަރުކަންވެސް ކުރައްވާ ރާމަނާޔަކަ ވިދާޅުވި ގޮތުގައި އޭނާ އޭ ލެވެލް އިމްތިހާނު ހަދާ ވާހަކަ ދެއްކެވުމުން ބައެއް އެކުވެރިން މަލާމާތް ކުރިއެވެ. ނަމަވެސް އެއީ އޭނާ މާބޮޑަށް ކަންބޮޑުވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.
"ރައްޓެހިން ކައިރީ [ކިޔަވާ] ވާހަކަ ބުނުމުން ހީނ ހެދި. އެމީހުން ބުނި ތީ މިނިސްޓަރެއް ވީމަ އެހެން މީހުން މަލާމާތް ކުރާނެ ކަމަށް އަދި ސިޔާސީ ހަޔާތަށް އޭގެ ގެއްލުން ލިބޭނެ ކަމަށް. އަޅުގަނޑުގެ ޖަވާބަކީ އަޅުގަނޑު އިތުރަށް އުނގެނި އިލްމުވެރި ވަނީއޭ. އަދި އެކަމުގަ އެއްވެސް މައްސަލައެއް ނެތޭ،" ރާމަނާޔަކަ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އޭނާގެ ދުވަސް މިހާރު ހޭދަވަނީ ހެނދުނު މިނިސްޓްރީއަށް ވަޑައިގަތުމާއި ހަވީރު ޕާލިމެންޓުގައި ވާހަކަ ދެއްކެވުމާއި ރޭގަނޑު ކްލާސްތަކަށް ގޮސް ކިޔެވުމުގައެވެ. އަދި އަންނަ އޮގަސްޓު މަހު ބާއްވާ އިމްތިހާނުން ފެއިލްވިޔަސް، ފާސްވަންދެން އިމްތިހާނު ހަދަމުން ދާނެއެވެ.
ރާމަނާޔަކަ އޭ ލެވެލް އިމްތިހާނުގައި ބައިވެރިވެވަޑައިގަންނަވާ ހަބަރު ސޯޝަލް މީޑިއާގައި ފެތުރުމުން ބައެއް ފަރާތްތަކުން މިނިސްޓަރަށް ތާއިދުކޮށް ވާހަކަ ދައްކާފައި ވެއެވެ. އަދި ތައުލީމު ހާސިލު ކުރުމަށް ވަކި އުމުރެއް ނެތް ކަމާއި މިނިސްޓަރުގެ އެފަދައިން އަމަލު ކުރެއްވުމުން، އެހެން ދުވަސްވީ މީހުންނަށްވެސް ކިޔެވުމަށް ހިތްވަރު ލިބިގެންދާނެކަން މީހުން ފާހަގަކުރިއެވެ.
ނަމަވެސް އެހެން ފަރާތްތަކުން ވަނީ މިނިސްޓަރުންނާއި ޕާލަމެންޓު މެމްބަރުން އައްޔަނުކުރުމުގައި ތައުލީމީ މިންގަނޑަށް ބަލާ މިންވަރު ހަރުކަށި ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައެވެ.