މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގައި ރޭ ވެނެޒުއެލާ ބަލިކޮށް އާޖެންޓީނާ ސެމީ ފައިނަލަށް ދަތުރު ކުރި ނަމަވެސް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށް އޭނާ ބުނެފިއެވެ.

ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމުގައި ރޭ ކުޅުނު ކުއާޓާފައިނަލުން އާޖެންޓީނާ ވެނެޒުއެލާގެ މައްޗަށް ކުރި ހޯދީ 0-2 ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު އާޖެންޓީނާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި އިރު އެ މެޗުގައި އެ ޓީމު ވާދަ ކުރަން ޖެހޭނީ މުބާރާތުގެ އެންމެ ބޮޑު ފެވަރިޓެއްގެ ގޮތުގައި އޮތް ބްރެޒިލްއާއެވެ.

އާޖެންޓީނާއިން މުބާރާތުގައި މިހާތަނަށް ހަތަރު މެޗު ކުޅުނު އިރު އެންމެ ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައި ވަނީ އެ ޓީމުގެ ކެޕްޓަން މެސީއަށެވެ. މެސީއަށް މިހާތަނަށް މުބާރާތުގައި އެއް ގޯލު ޖެހުނު އިރު އެ ގޯލު ވެސް ޖެހުނީ ލިބުނު ޕެނަލްޓީއަކުންނެވެ. މެސީއަށް މި މުބާރާތުގައި އޭނާގެ އެންމެ ރަނގަޅު ކުޅުން ނުދެއްކޭ ކަމަށް އޭނާ އަމިއްލައަށް ވެސް ވަނީ ބުނެފައެވެ.

"ތެދަށް ބުނަންޏާ މިއީ އަހަރެންގެ އެންމެ ރަނގަޅު ކޮޕާ އެމެރިކާއެއް ނޫން. ހީކުރި ގޮތަކަށް ނޫން ކަންތައް މިވީ،" މެސީ ބުންޏެވެ.

އޭނާ ބުނީ ރޭގެ މެޗަކީ ވަރަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި މެޗެއް ކަމަށެވެ. އެ މެޗުގައި ކުޅެން ދަތިވުމުން އިދިކޮޅު ޓީމުން އެކަމުގެ ފައިދާ ނަގަން މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް އެންމެ މުހިންމު ކަމަކީ މެޗުން މޮޅުވުން ކަމަށެވެ.

"މެޗުގައި ޓީމުން ޑިފެންސު ކުރި ގޯތާއި އެޓޭކް ކުރި ގޮތާ މެދު ހިތްހަމަ ޖެހޭ. ކުރިއަށް ކުޅޭ ކުޅުންތެރިން ޖެހޭނެ ޑިފެންސު ކުރަން އެހީތެރިވާން،"

މީގެ އިތުރުން ރޭގެ މެޗު ކުޅުނު ސްޓޭޑިއަމުގެ ޕިޗުގެ މައްސަލަތަކެއް ހުރިކަން މެސީ ވަނީ ފާހަގަ ކޮށްފަ އެވެ. އޭނާ ބުނީ މިފަދަ ބޮޑު މުބާރާތެއްގައި އެފަދަ ދަށް ފެންވަރަކަށް ސްޓޭޑިއަމްތައް ހުރުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.