28 Jun 2019, 21:26
ރ. މަޑުއްވަރީގައި ފުލުހުންނާއި އެ ރަށުގެ ޒަވާނުންތަކަކާ ދެމެދު މިއަދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ފުލުހުންނަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ދެވަނަ މީހަކު ހައްޔަރު ކޮށްފި އެވެ.
މަޑުއްވަރީން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، އެ ހަމަނުޖެހުން ހިނގީ ޒުވާނަކު ގެއްލިގެން އުޅުނު ތިން ފުރޮޅުލީ ބެޓަރީ ބަގީއެއް ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރޭގައި ހުއްޓާ ފެނިގެން އޭތި ނަގަން އުޅުމުގެ ތެރޭގައެވެ.
އެ މައްސަލައާ ގުޅިގެން މީގެ ކުރިން މިއަދު، އެ ރަށުން ވަނީ 22 އަހަރު މީހަކު ހައްޔަރު ކޮށްފަ އެވެ. އަދި ދެވަނަ މީހަކު ވެސް މިރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފަހުން ހައްޔަރު ކުރި މީހާގެ އުމުރަކީ ވެސް 22 އަހަރު ކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީ ހިންގާފައި ވަނީ ރަށު ޕިކަޕެއް ގަވާއިދާ ޚިލާފަށް ލައިސެންސް ނެތް މީހުން ދުއްވަމުންދާތީ އެ ޕިކަޕް ޓޯކޮށް ޕޮލިސްސްޓޭޝަނަށް ގެނައުމަށްފަހު އެ ޕިކަޕް ބަލައި އައުމަށް ވެރިފަރާތަށް އެންގުމުން އޭގެވެރިފަރާތުން ރަޖިސްޓްރީ ބޯޑު ހިފައިގެން ބަޔަކާއެކު ޕޮލިސްސްޓޭޝަނަށް ގޮސް ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.