ރާއްޖޭގައި މޫދުވިނަ ހިމާޔަތްކުރުމަށްޓަކައި މި އަހަރުގެ ކުރީކޮޅު ފެށި ކެމްޕޭނުގައި މިހާތަނަށް 30 އަށް ވުރެ ގިނަ ރިސޯޓުން ބައިވެރިވެ، މޫދުވިނަ ހިމާޔަތްކުރުމަށް ވައުދުވެއްޖެއެވެ.

ސިކްސް ސެންސެސް ލާމު ރިސޯޓުގެ މެރިން ބަޔޮލޮޖިސްޓުންގެ ޓީމު "މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް"އާއި ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްކުރަން މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޗެރިޓީ "ބްލޫ މެރިން ފައުންޑޭޝަން" ގުޅިގެން ފެށި "ޕްރޮޓެކްޓް މޯލްޑިވްސް ސީގްރާސް" ކެމްޕޭން ފެށިތާ މިހާރު ހަތަރު މަސް ވެއްޖެއެވެ.

މޫދުވިނައަކީ ބަލައިލުމަށް "ހުތުރު" އެއްޗެއް ނަމަވެސް، މި ކެމްޕޭނުގެ މަގްސަދަކީ މޫދުވިނައަކީ ކަނޑުގެ ދިރުންތަކަށް ކިހާ މުހިންމު އެއްޗެއްކަން އަންގައިދީ، ހޭލުންތެރިކުރުވުމެވެ. ކެމްޕޭން ހިންގާ ފަރާތްތަކުން ބުނި ގޮތުގައި ކެމްޕޭނަށް ގާއިމުކުރި ވެބްސައިޓަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ކަމަށާއި، ކެމްޕޭނުގެ ހޭޝްޓެގް #ProtectMaldivesSeagrass ދުވަލަކު 300 އެއްހާ ފަހަރު ބޭނުންކުރާ ކަމަށެވެ.

ރާއްޖޭގެ ރަށެއްގެ ކައިރީގައި މޫދުވިނަ -- ފޮޓޯ/ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް

މި ކެމްޕޭނުގައި ބައިވެރިވާ ރިސޯޓުތަކުން ވައުދުވަނީ ކައިރީގައި މޫދުވިނަ "ދަނޑުތައް" އޮންނަ ރިސޯޓުތަކުން އެތަކެތި ނޮޅުމުގެ ބަދަލުގައި، މަދުވެގެން އޭގެ 80 ޕަސަންޓު ރައްކާތެރިކުރުމަށެވެ.

ސިކްސް ސެންސެސް ލާމު އަދި އިތުރު 11 ރިސޯޓަކުން މިކަމަށް ވައުދުވެ ކެމްޕޭން ފެށި އިރު، މިއަދު 30 އަށް ވުރެ ގިނަ ރިސޯޓުން ވަނީ މި ހަރަކާތުގައި ބައިވެރިވެ، މޫދުވިނަ ހިމާޔަތްކުރުމަށް ވައުދުވެފައެވެ. ކެމްޕޭން ހިންގާ ފަރާތްތަކުން ބުނާ ގޮތުން، ނަން ހާމަ ނުކޮށްވެސް ބައެއް ރިސޯޓުތަކުން ދަނީ މި ހަރަކާތުގައި ބައިވެރިވަމުންނެވެ.

މި ހުރިހާ ރިސޯޓަކުން މޫދުވިނަ ހިމާޔަތްކުރަން ވައުދުވި އިރު، ބެލެވޭ ގޮތުގައި އެއީ ޖުމްލަކޮށް ގާތްގަނޑަކަށް 830،000 އަކަ މީޓަރުގެ ސަރަހައްދެކެވެ.

ބްލޫ މެރިން ފައުންޑޭޝަނުގެ އެގްޒެކެޓިވް ޑިރެކްޓަރ ޗާލްސް ކްލޯވާ ވިދާޅުވީ މޫދުވިނައަކީ ކަނޑުއަޑީގެ ބައެއް ދިރުންތަކަށް މުހިންމު މާހައުލެއް ކަމަށާއި، ނަމަވެސް ރާއްޖޭގެ ބައެއް ރިސޯޓުތަކުން އަދިވެސް ދަނީ މޫދުވިނަ ނޮޅަމުން ކަމަށެވެ.

"ކުރިއަށް އޮތް ގަރުނުގައި ދިމާވެދާނެ ތިމާވެށީގެ ގޮންޖެހުންތަކަށް ރާއްޖޭގެ ކަނޑުގެ މާހައުލު ހުށިޔާރުކުރުމަށް މޫދުވިނަ ރައްކާތެރިކުރަންޖެހޭ،" ޗާލްސް ކްލޯވާ ވިދާޅުވިއެވެ.

މޫދުވިނަ ހިމާޔަތްކުރުމަށް ވައުދުވެފައިވާ ރިސޯޓުތަކަކީ:

  • ސިކްސް ސެންސެސް ލާމު (ލ. އޮޅުވެލި)

  • އަނަންތާރާ ދިގު (ކ. ދިގުފިނޮޅު)
  • އަނަންތާރާ ވެލި (ކ. އަތޮޅު)
  • ނަލަދޫ ޕްރައިވެޓް އައިލެންޑް (ކ. ވެލިގަނޑުހުރާ)
  • ގިލި ލަންކަންފުށި (ކ. ލަންކަންފިނޮޅު)
  • އެއްލައިދޫ ބައި ސިނަމަން (އއ. އެއްލައިދޫ)
  • ކުރުނބާ މޯލްޑިވްސް (ކ. ވިހަމަނާފުށި)
  • ހުވަފެންފުށި (ކ. ނަކައްޗާފުށި)
  • ސޮނޭވާފުށި (ބ. ކުންފުނަދޫ)
  • ސޮނޭވާ ޖާނީ (ނ. މެދުފަރު)
  • ރީތިފަރު ރިސޯޓް (ރ. ފިލައިދޫ)
  • ވަން އެންޑް އޮންލީ ރީތިރަށް (ކ. މެދުފިނޮޅު)
  • އަދާރަން ސިލެކްޓް ހުދުރަންފުށި (ކ. ޅޮހިފުށި)
  • އަދާރަން ޕްރިސްޓީޖް ވާދޫ (ކ. ވާދޫ)
  • ބަންޔަންޓްރީ ވަށްބިންފަރު (ކ. ވަށްބިންފަރު)
  • އަންގްާަނާ އިހުރު (ކ. އިހުރު)
  • އަންގްސާނާ ވެލާވަރު (ދ. ވެލާވަރު)
  • އަނަންތާރާ ކިހަވަށް ވިލާސް (ބ. ކިހަވަށް ހުރަވަޅި)
  • ކަނދޮޅު މޯލްޑިވްސް (އއ. ކަނދޮޅުދޫ)
  • ޑައިމަންޑްސް އަތުރުގާ (އދ. އަތުރުގައު)
  • ޑައިމަންޑްސް ތުނޑުފުށި (އދ. ތުނޑުފުށި)
  • ޓާޖް އެގްޒޯޓިކާ (ކ. އެނބޫދޫފިނޮޅު)
  • ޓާޖް ކޮރަލް ރީފް (ކ. ހެނބަދޫ)
  • ފުރަވެރި އައިލެންޑް ރިސޯޓު (ރ. ފުރަވެރި)
  • ރިހިވެލި ދަ ޑްރީމް (ކ. މަހާނައެޅިހުރާ)
  • އީކުއޭޓާ ވިލެޖް (ސ. ގަން)
  • ސްމާޓްލައިން އެރިއަދޫ (ކ. އެރިއަދޫ)
  • ޝެވަލް ބްލޮންކް ރަންދެލި (ނ. ރަންދެލި)
  • ޑޫސިޓް ތާނީ މޯލްޑިވްސް (ބ. މުއްދޫ)
  • ޖޯލި މޯލްޑިވްސް (ރ. މުރަވަންދޫ)
  • އަމާރީ ހަވޮއްޑާ (ގދ. ހަވޮއްޑާ)
  • އައުޓްރިގާ ކޮނޮއްޓާ (ގދ. ކޮނޮއްޓާ)
  • ކޮކޯ ޕާމް ދުނިކޮޅު (ބ. ދުނިކޮޅު)
  • ޕާކް ހަޔަޓް ހަޑަހާ (ގއ. ހަޑަހާ)
  • ދަ ރެޒިޑެންސް މޯލްޑިވްސް (ގއ. ފަޅުމާފުށި)