28 Jun 2019, 16:26
ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެން އުޅުއްވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ލޮލުގެ ޑޮކްޓަރަށް ދެއްކުމަށް ހަ މަސް ފަހުން އެނބުރި އެ ގައުމަށް ދިއުމަށް ޑޮކްޓަރުން ލަފާދީފިއެވެ.
އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މެޑިކަލް ބޯޑުން ލަފާ ދިނުމުން ކަރެކްޝަނަލް ސާވިސްއިން އެކަމަށް ހުއްދަ ދޭން ނިންމީ ޖޫން 11 ވަނަ ދުވަހުއެވެ. އިންޑިއާއަށް އަދީބު ވަޑައިގަތީ ޖޫން 14 ވަނަ ދުވަހުއެވެ. އޭނާ އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.
އަދީބު ފަރުވާ ހޯއްދަވަމުން ގެންދަވަނީ އިންޑިއާގޭ ޕޫނޭގައި ހުންނަ ރޫބީ ހޯލް ކްލިނިކް ހޮސްޕިޓަލުންނެވެ. އަދި އޭނާ ވަނީ އޭޝިއަން އައި ހޮސްޕިޓަލަށް ވެސް ދައްކައިފައެވެ. އަދީބުގެ ލޯ ދެއްކުމުގެ އިތުރުން ކެންސާ ސްކްރީއިންއާއި ފުލް މެޑިކަލް ޗެކަޕެއް އޭނާ ދަނީ ހައްދަވަމުންނެވެ.
އަދީބަށް ފަރުވާ ދެއްވާ ޑޮކްޓަރު ޝްރުތިކާ ކަންކާރިޔާ ޓައިމްސް އޮފް އިންޑިއާ ނޫހަށް ވިދާޅުވީ، ޖޫން 18 އިން 24 އަށް ތިން ފަހަރެއްގެ މަތީން ރޫބީ ހޯލްއިން އަދީބަށް ފަރުވާ ދީފައިވާ ކަމަށެވެ. އަދި ފޮލޯއަޕް އަށް ހަ މަސް ފަހުން އެނބުރި އައުމަށް ލަފާ ދީފައިވާ ކަމަށެވެ.
އަދީބުގެ ލޮލަށް ވަނީ ގްލޮކޯމާ ނަމަކަށް ކިޔާ ބައްޔެއް ޖެހިފައެވެ. އެއީ ލޮލުގެ ފެނުން މަޑުމަޑުން ގެއްލުމަށް މެދުވެރިވާ ބައްޔެކެވެ.
އަދީބު ބޭހަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހޯމް މިނިސްޓަރުގެ އިތުރުން ފުލުހުންނާއި އިމިގްރޭޝަން އަދި ކަރެކްޝަންސްގެ އިސްވެރިން ހާޒިރުކުރިއެވެ.
އޭނާ ރާއްޖެއިން ބޭރަށް ބޭހަށް ގެންދިޔުމުގެ އޮޕަރޭޝަނުގައި ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރު ގިންތީގެ ބޭފުޅަކާއި، ފުލުހުންގެ ތިން އޮފިސަރަކާއި ކަރެކްޝަންސްގެ ތިން އޮފިސަރުން ހިމެނޭ ގޮތަށް، ހަތް މެމްބަރުންގެ ޓީމެއް އިންޑިއާގައި ދަނީ ހަރަކާތްތެރިވަމުންނެވެ.