28 Jun 2019, 14:54
އޮކްސްފޯޑް ސެންޓާ ފޯރ އިސްލާމިކް ސްޓަޑީޒްގެ މޯލްޑިވްސް ހެރިޓޭޖް ސާވޭގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ އާސާރީ ތަންތަނުގެ ސާވޭ ހަދައި މައުލޫމާތު ކިތާބުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ތަރިކައިގެ ސާވޭއަކީ ރާއްޖޭގެ އިދާރީ އަށް އަތޮޅެއްގައި ހުރި މާއްދީ އާސާރީ ތަރިކައާއި ގުޅޭ މައުލޫމާތު އެއްކޮށް، އޮންލައިން ޑޭޓާބޭސްއެއްގައި ކިތާބުކުރުމަށް ކުރިއަށްގެންދާ ސާވޭއެކެވެ. މި ސާވޭގެ ތެރެއިން މި އަށް އަތޮޅުގައި ހުރި އާސާރީ މިސްކިތްތަކާއި މަހާނަގާތަކާއި ހަވިއްތަ ފަދަ ތަންތަނާއި އަދި އެހެނިހެން ތާރީހީ ބިނާތަކާއި ތަކެއްޗާއި ބެހޭ މައުލޫމާތު ކިތާބުކުރެވޭނެއެވެ.
އޭގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި ރާއްޖެއާ ގުޅުންހުރި އެންމެހާ އާސާރީ ތަކެއްޗާއި ރާއްޖޭގެ ވާހަކަތައް ހިމެނޭ ފޮތްތައް އޮންލައިން ޑޭޓާބޭސްއެއްގައި ކިތާބުކުރެވޭނެއެވެ.
ހެރިޓޭޖް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީގެ ކައުންސިލާއެކު މޯލްޑިވްސް ހެރިޓޭޖް ސާވޭގެ ޓީމުން ބޭއްވި ބައްދަލުވުމަކަށްފަހު، މި މަހުގެ 23 ވަނަ ދުވަހު މި ސާވޭގެ އަމަލީ މަސައްކަތް އައްޑޫ ސިޓީގައި ފަށާފައިވާ ކަމަށެވެ.
އެ މިނިސްޓްރީއިން ބުނީ އައްޑޫގައި އެ ސާވޭގެ މަސައްކަތް ފަށާފައި ވަނީ ރާއްޖޭގައި ހުރި އާސާރީ އެންމެ ބޮޑު އެއް ސަރަޙައްދު ކަމުގައިވާ އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގައި ކަމަށެވެ.
ކޯގަންނު ގަބުރުސްތާނު
ކޯގަންނު ގަބުރުސްތާނުގެ ބިމުގެ ބޮޑުމިނުގައި 105،000 އަކަފޫޓު ހުރޭ
- މިއީ މުސްލިމުން ވަޅުލަން ވަކި ސަރަހައްދެއް ކަނޑައަޅައި ރާއްޖޭގައި ހެދި ފުރަތަމަ ގަބުރުސްތާނު
- ގަބުރުސްތާނުގެ ސަރަހައްދުގައި އަށް މިސްކިތެއް ބިނާ ކުރި، މިހާރު ހުރީ ހަތަރު މިސްކިތް
- ރާއްޖޭގައި ހުރި އެންމެ އުސް ދެ މަހާނަގާ ހުރީވެސް މި ގަބުރުސްތާނުގައި
- ގަބުރުސްތާނުގައި ތާރީހުން ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންނާއި، ދީނީ އިލްމުވެރިން ވަޅުލެވިފައިވޭ
ކޯގަންނު ގަބުރުސްތާނުގެ އިތުރުން އައްޑޫ ސިޓީގައި ހުރި ހުރިހާ އާސާރުތަކެއް ކިތާބުކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތަށް ޖުމްލަ ތިންމަހާއި ހަތަރު މަހާއި ދެމެދުގެ މުއްދަތެއް ސާވޭ ޓީމުން އައްޑޫގައި ހޭދަކުރާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު ފެށުނު މި ސާވޭއަކީ އޮކްސްފޯޑް ސެންޓާ ފޯ އިސްލާމިކް ސްޓަޑީޒްގެ ޑރ. މައިކަލް ފީނާ އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ ސާވޭއެކެވެ. މި ސާވޭއަށް ޚަރަދުކުރަނީ އާކޭޑިއާ ފަންޑުންނެވެ.