ބެންގަލޫރު (ޖޫން 28): އިންޑިއާގެ ކަރުނާޓަކާގައި އޮންނަ ބެންގަލޫރަށް ދިމާވެފައިވާ ފެން ނުލިބުމުގެ މައްސަލަ ހައްލުވަންދެން، ކުރިއަށް އޮތް ފަސް އަހަރު އެ ސިޓީގައި މީހުން ދިރިއުޅުމަށް އަލަށް ފްލެޓާއި އެޕާޓްމެންޓު އެޅުން މަނާ ކުރަން ވިސްނަމުންދާ ކަމަށް ކަރުނާޓަކާ ސްޓޭޓުގެ ސަރުކާރުން ބުނެފިއެވެ.

ކަރުނާޓަކާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ޖީ ޕަރުމޭޝްވަރާ ވިދާޅުވި ގޮތުގައި އެ މަޝްވަރާތައް ފަށާފައި ވަނީ ބޯފެން ލިބޭނެ ގޮތެއް ނުހޯދައި، މީހުން ދިރިއުޅެން ބެންގަލޫރުގައި ފްލެޓު އަޅައި މީހުންނަށް ވިއްކަމުން ގެންދާތީއެވެ.

"ބެންގަލޫރުގައި ވަރަށް ގިނަ އެޕާޓްމެންޓުތައް އެބަހުރި. ނަމަވެސް އެތަންތަނުން ބޯފެން ފަދަ އެންމެ އަސާސީ ހިދުމަތްތައް ލިބޭނެކަމުގެ ޔަގީންކަމެއް ނެތް. އެހެންވެ މި މަޝްވަރާ ކުރަނީ ކުރިއަށް އޮތް ފަސް އަހަރު އާ އެޕާޓްމެންޓުތައް ހެދުމަށް ހުއްދަ ދިނުން ހުއްޓާލުމަށް،" ޕަރުމޭޝްވަރު ވިދާޅުވިއެވެ.

ޕަރުމޭޝްވަރު ވިދާޅުވި ގޮތުގައި އެ ހުށަހެޅުމާ ބެހޭ ގޮތުން ސަރުކާރުން ޑިވެލޮޕަރުންނާ ވާހަކަ ދައްކާނެއެވެ. އަދި އެކަމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ އޭގެ ފަހުންނެވެ.

އަދި ސަރުކާރުގެ އުންމީދަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭ އެކި ގޮތްގޮތުން މުޅި ސިޓީއަށް ފެން ފޯރުކޮށްދެވޭނެ ގޮތް ހަދައި، ފެނުގެ މައްސަލަ ހައްލު ކުރެވޭނެކަމަށްވެސް ޕަރުމޭޝްވަރު ފާހަގަކުރެއްވިއެވެ.

ބެންގަލޫރުގެ އިތުރުން ޓަމިލް ނާޑޫގެ ޗެންނާއީ ފަދަ އިންޑިއާގެ ބައެއް އެހެން ސިޓީތަކަށްވެސް ވާރޭ ނުވެހުމުގެ ސަބަބުން ފެން ނުލިބުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. އޭގެ ސަބަބުން އެ ގައުމުގެ ގިނަ އަދަދެއްގެ މީހުންނަށް ވަނީ ސަރުކާރުން ޓޭންކުތަކުން ފޯރުކޮށްދޭ ފެނަށް ބަރޯސާވާން ޖެހިފައެވެ.

އިންޑިއާގެ ޕްލޭނިން ކޮމިޝަން، ނެޝަނަލް އިންސްޓިޓިއުޝަން ފޯ ޓްރާންސްފޯމިން އިންޑިއާއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، މިއަހަރު ތެރޭ އިންޑިއާގެ 21 ސިޓީއެއްގެ ބިމުގެ ފެން ފަށަލަ ހުސްވާނެ އެވެ. އަދި އެ 21 ސިޓީގެ ތެރޭގައި ދިއްލީ، ބެންގަލޫރު، ޗެންނާއީ އަދި ހައިދަރުއާބާދު ހިމެނޭނެއެވެ.