ވޮޝިންގޓަން (އޮކްޓޯބަރ 27) : ލީބިޔާގެ ހަނގުރާމަވެރިންގެ އަތްދަށުން އެ ޤައުމުގެ ކުރީގެ ޒަޢީމް ކާނަލް މުޢައްމަރުލްޤައްޒާފީ އަވަހާރަކޮށްލެވުނު ގޮތަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ފާޑުވިދާޅުވެއްޖެވެ. އެންބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި އޮބާމާ ވިދާޅުވީ ގައްޒާފީ އަވަހާރަކޮށްލެވުނު އަނިޔާވެރި ގޮތާއި އެއަނިޔާވެރި މަންޒަރު ދައްކައިދޭ ވީޑިޔޯ އާންމުކުރުމަކީ އެއްވެސް ދީނެއް އަދި މުޖްތަމަޢެއް ޤަބޫލުކުރާނެ ކަމެއްނޫނެވެ.

އޮބާމާ ވިދާޅުވީ ކިތަންމެ އަނިޔާވެރި މީހެއް ނަމަވެސް އެމީހަކު މަރުވާވަގުތުގަ އާއި އެ މީހާގެ މަރުވެފައިވާ ހަށިގަނޑަށް އިޙްތިރާމް ކުރަންޖެހޭނެ ކަމުގަ އެވެ. އަލްޤާޢިދާގެ ލީޑަރު އުސާމާބިންލާދިން އަވަހާރަކޮށްލި ގޮތުގެ މަންޒަރާއި ފުރާނަނެތް އޭނާގެ ހަށިގަނޑުގެ ފޮޓޯ އާއި ވީޑިޔޯ އެމެރިކާ އާންމު ނުކުރީ މިސަބަބަށް ޓަކައި ކަމަށް އޮބާމާ ވިދާޅުވި އެވެ.
އޮބާމާ މިހެން ވިދާޅުވި އިރު އެމެރިކާ ވަނީ ފިތްރު ޢީދު ދުވަހެއްގެ ހެނދުނުކޮޅު ސައްދާމް ޙުސައިން ދަންޖައްސައި މެރި މަންޒަރުގެ ފޮޓޯ އާއި ވީޑިޔޯ އާންމުކުރުމުގައި އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިއޮތް ޢިރާޤު ސަރުކާރާ އެކު ބައިވެރިވެފަ އެވެ. އުސާމާ ބިންލާދިން އަވަހާރަވެފައި ވަނީ މާކުރިން ކަމަށާއި އުސާމާ އަވަހާރަކޮށްލި ކަމަށް ބުނެ މިދިޔަ މޭމަހު އެމެރިކާ ސިފައިން ޕާކިސްތާނުގައި ހިންގި ޢަސްކަރީ އޮޕަރޭޝަންގެ ޙަޤީޤަތާ މެދު ވަރަށް ގިނަ ބަޔަކު ޝައްކުކުރެ އެވެ. އެމެރިކާގެ މިފަދަ ވާހަކަތައް ގިނަ ބަޔަކު ޤަބޫލުނުކުރަނީ ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ އެމެރިކާ ހަދާފައިވާ ބޮޑެތި ދޮގުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އެމެރިކާގެ އަގުވެއްޓި އިތުބާރު ގެއްލިފައިވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ގައްޒާފީއަށް ވަފާތެރިސިފައިންގެ އެތަށްބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައި ވަނިކޮށް ލީބިޔާގެ ހަނގުރާމަވެރިން އެމީހުންގެ ގަޔަށް ބަޑިޖަހައި ސަތޭކައަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ ދެ ތިން ދުވަހުގެ ތެރޭގައި މަރާލާފައިވާ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ ތުހުމަތުކޮށްފަ އެވެ.
ލީބިޔާގެ ހަނގުރާމަވެރިން މިކަމަށް އިންކާރު ކުރުމަށް ފަހު ބުނެފައި ވަނީ ގައްޒާފީ އަށް ވަފާތެރި ސިފައިންގެ ބައެއްމީހުން މަރުވެފައި ވަނީ ހަނގުރާމައިގެ ތެރޭގައި ކަމުގަ އެވެ. އަދި ގައްޒާފީއާ އިދިކޮޅު ލީބިޔާގެ އާންމުންނާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ރޭޕްކޮށް އެމީހުންގެ ޢިއްފަތް ނަގާލުމުގެ ޢަމަލުތައް ފުޅާދާއިރާއެއްގައި ހިންގާފައިވާ ގައްޒާފީ އަށް ވަފާތެރި ސިފައިންގެ އެތައް ބަޔަކު މިހާރު ވެސް އަސީރުންގެ ގޮތުގައި އެބަތިބި ކަމަށާއި އެމީހުންނާ ދެކޮޅަށް ވެސް ބަދަލުހިފުމުގެ ޢަމަލުތައް ނުހިންގާ ކަމަށް ގައްޒާފީގެ ވެރިކަން ވައްޓާލި ލީބިޔާގެ ހަނގުރާމަވެރިން ބުނެއެވެ. (އަލްޖަޒީރާ)