ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2.4 މިލިއަން ރުފިޔާގެ ލޯނު ހަމަޖެހުނީ ރައީސް އޮފީހުގެ މަގާމަށް ވަޑައިގަތުމުގެ ދޮޅު އަހަރު ކުރިން ކަމަށާއި އެ ލޯނު ހޯދުމުގައި ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ޝައުނާއަށް ލިބިފައިވާ ލޯނެއްގެ މައުލޫމާތުތަކެއް އާންމުކޮށް، ބައެއް ފަރާތްތަކުން ދަނީ އޭނާއަށް ލޯނު ލިބުނު ގޮތާ މެދު ސުވާލު އުފައްދަމުންނެވެ. އޭނާ ސިޔާސީ މަގާމެއްގައި ހުންނެވުމުން، މަގާމުގެ ނުފޫޒު ފޯރާފައިވާ ކަމާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ޝައުނާ މިރޭ "ސަން"އަށް ވިދާޅުވީ، އެ ލޯނަކީ ހޯމް ލޯނެއް ކަމަށާއި، އެ ލޯނު ހޯދަން ހުށަހެޅުއްވީ ފިރިމީހާ ތޯރިގް ހަމީދާ ގުޅިވަޑައިގެން ޖޮއިންޓް ލޯނެއްގެ ގޮތުގައި ކަމަށެވެ. އަދި ލޯނުގެ ޝަރުތައް ފުރިހަމަ ކުރީވެސް ދެ ބޭފުޅުން ގުޅިވަޑައިގެން ކަމަށެވެ. އެ ލޯނަކީ 2016 ވަނަ އަހަރު ހުށަހަޅުއްވައިގެން 2017 ވަނަ އަހަރު ލިބިވަޑައިގެންނެވި ލޯނެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.

"އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައި ނުވާނެ. އަޅުގަނޑުގެ އެއްވެސް ސިޔާސީ ބާރެއް ވެސް ނޯންނާނެ އޭރު،" ޝައުނާ ވިދާޅުވިއެވެ.

ޝައުނާއަށް މަހަކު 90،000 ރުފިޔާ ލިބޭ ކަމަށް މީސް މީޑިއާގައި ދައްކާ ވާހަކަތައްވެސް އޭނާ ދޮގު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، އާންމުވެފައިވާ މައުލޫމާތުތަކުންވެސް އެނގޭ ފަދައިން އޭނާއަށް 90،000 ރުފިޔާ ލިބުނު ކަމަށް ބަޔާންކޮށްފައި ވަނީ ހަ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގަ އެވެ.

"ރަނގަޅަށް ބެލިއްޔާ ކޮންމެ ބޭފުކަަށް ވެސް އެނގިވަޑައިގަންނަވާނެ ހަ މަހުގެ މުސާރަ އެއީ. އަޅުގަނޑަކަށް ނުލިބޭ [މަހަކު] 90،000 ރުފިޔާއެއް،" ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ހުންނެވި މަގާމުގައި އޭނާއަށް މިހާރު ލިބިވަޑައިގަންނަވާނީ ގާތްގަނޑަކަށް 45،000 ރުފިޔާ އެވެ.

ރައީސް އޮފީހުގެ ހުރިހާ މުވައްޒަފުން މާލީ ބަޔާން ހުށަހެޅުއްވި އިރުގައި ޝައުނާވެސް އޭނާގެ މާލީ ބަޔާން އާންމު ކުރެއްވި އެވެ.