27 Oct 2011, 09:14
ބެންގކޮކް (އޮކްޓޯބަރ 27): ފާއިތުވެދިޔަ ތިންމަހު ތައިލެންޑަށް ކުރަމުންދިޔަ ގަދަ ވިއްސާރައިގާ ބޮޑުވެފައިވާ ފެންގަނޑު ވެރިރަށް ބެންގކޮކްގައިވެސް މިހާރު ފެތުރިއްޖެވެ. ފެންބޮޑުވުމުގެ ސަަބަބުން ބެންގކޮކްގައި ބިރުވެރިކަން އުފެދި ވިޔަފާރިއަށާއި އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ކަމަށް ތައި މަސްއޫލުވެރިން ހާމަކުރައްވައެވެ.
ބެންގކޮކްގައި ފެންބޮޑުވީ ދިގުލީ ވިއްސާރައިގެ ސަބަބުން ތައިލެންޑްގެ އުތުރުގެ އުސް ސަރަޙައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު އެތަށް ސަތޭކަ ކިލޯމީޓަރެއް ހުރަސްކޮށް ތައިލެންޑްގެ ތިރި ސަރަޙައްދުތަކަށް ފެތުރިގެން ދިޔުމާއެކު ކޯރުތަކާއި ފެންރައްކާކުރާ ޑޭމްތައްވެސް ފުރި ބަންޑުން ވުމުގެ ސަބަބުންނެވެ. ބެންގކޮކް އަކީ ތައިލެންޑްގެ ބިންތިރި ސަރަޙައްދުތަކުގެ ތެރޭން އެއް ސަރަޙައްދެވެ. ތައި ސަރުކާރުން އިއްޔެ ބުނިގޮތުގައި ބެންގކޮކްގައި ފެންބޮޑުވީ މިފަދަ ކާރިޘާތަކުން އެރަށް ސަލާމަތް ކުރުމަށްޓަކައި ބިނާކޮށްފައިވާ "ބަތޮމް ތާނީ" ބިޔަ ޑޭމް ފުރުމުގެ ސަބަބުން އެ ޑޭމްގެ ފާރުތަކަށް ބާރުބޮޑުވެ ފާރުތަކުގައި ރެނދުލައި ރެނދުތަކުގެ ތެރޭން ފެންގަނޑު ބޭރުވާން ފެށުމުންނެވެ. މިގެއިތުރުން ބެންގކޮކްގެ ކައިރީގައިވާ އެންމެ ބޮޑު ކޯރުވެސްވަނީ ފުރިގެން ބަންޑުންވެފައެވެ.
ތައިސިފައިންނާއި ފުލުހުން ގުޅިގެން ގެންދަނީ ބެންގކޮކްގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ރައްޔިތުން ރައްކާތެރި ތަންތަނަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ބޭންގކޮކްގެ މެދުތެރެއާއި ވިޔަފާރީގެ ބޮޑެތި މަރުކަޒުތަކާއި ބޮޑެތި ހޮޓާތަކާއި ބޭންކްތަކާއި މާލީ އަދި މުނިފޫހިފިލުވުމުގެ މުއައްސަސާތައް ފެނުން ސަލާމަތް ކުރުމަށްޓަކައި ކޮންމެ ދުވަހަކު 8 ބިލިޔަން ކޮޑި މީޓަރުގެ ފެން، ޕަންޕްތަކާއި ހޮޅިތައް ބޭނުންކޮށްގެން ކަނޑަށް ބޭރުކުރަމުން ގެންދާކަމަށް ސަލާމަތީ ބާރުތަކުން ބުނެއެވެ.
24 ގަޑީއިރު ހުއްޓުމެއްނެތި މިކަން ނުކުރާނަމަ ބޭންގކޮކްގެ ވިޔަފާރީގެ ބޮޑެތި މަރުކަޒުތަކާއި ބޮޑެތި ހޮޓާތަކާއި ބޭންކްތަކާއި މާލީ އަދި މުނިފޫހިފިލުވުމުގެ މުއައްސަސާތައް ހުންނަ ސަރަޙައްދުތައް މިހާރުއޮންނާނީ ފެނުގެ އަޑިގައި ކަމަށް ސަރުކާރުން ބުނެއެވެ. މިއާއެކުވެސް ބޭންގކޮކްގެ ބޮޑުބައެއްގައި 1.5 މީޓަރަށް ފެންބޮޑުވެފައިވާއިރު ވިޔަފާރި މަރުކަޒުތަކުގެ ސަރަޙައްދުތަކުގައިވެސް ކޮންމެވެސް ވަރަކަށް މިހާރު ފެންބޮޑުވެފައިވާ ކަމަށާ ނަމަވެސް ވިޔަފާރި ހުއްޓޭ ހިސާބަށް އަދި ނުދާކަމަށް ތައިމަސްއޫލުވެރިން ވިދާޅުވެއެވެ.
މީގެއިތުރުން ބެންގކޮކްގެ އިންޓަރނޭޝަނަލް އެއަރޕޯޓްވެސް އޮޕަރޭޓް ކުރަމުން ގެންދަނީ ދޭތެރެއަކުން ފްލައިޓްތައް ޖެއްސުން މަނާކުރުމަށްފަހު ފެން ހިއްކައިގެން އަނެއްކާވެސް ފްލައިޓްތައް ޖައްސަމުން ކަހަލަ ގޮތަކަށް ކަމަށް ޚަބަރު ލިބެއެވެ. (ރޮއިޓާސް)