14:30


އިންޑިއާ އިން ރާއްޖެ އައި 17 އަހަރުގެ ފިރިހެން ކުއްޖަކާ ހަވާލުކޮށްގެން ބަޔަކު ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.


ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޗީފް ކަސްޓަމްސް އޮފިސަރ ހުސެއިން ޝާޒް މިއަދު ވިދާޅުވީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެ މެންދުރު އިންޑިއާގެ ތިރުވަނަންތަޕޫރަމުން ރާއްޖެ އައި އުމުރުން 17 އަހަރުގެ އެ ކުއްޖާގެ ފޮށިތަންމަތި ކަސްޓަމްސުން ބަލައި ފާސްކުރުމުގެ ތެރޭގައި، އޭނާ ގެނައި ސައިކަލް މަޑިއެއްގެ ތެރޭ ކަޅުކުލައިގެ އޮލަ އެއްޗެއް އަޅާ ބަންދުކޮށް، ފޮރުވާފައި އޮތް ދެ ޕޮލިތީން ކޮތަޅު ފެނިފައިވާ ކަމަށެވެ. އަދި އެއްޗެހި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ އެއްޗެހީގެ ބަރުދަނުގައި ޕެކިނާ އެކު 0.08 ކިލޯ ހުރި ކަމަށް ވެސް ޝާޒް ވިދާޅުވި އެވެ.


ޝާޒް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެ ކުއްޖާ އިންޑިއާ އަށް ގޮސްފައި ވަނީ މަންމައާ އެކު ކަމަށެވެ. އަދި މަސްތުވާތަކެތި ރައްކާކޮށްފައިވާ ސައިކަލު މަޑިއަކީ، އިންޑިއާގައި ހުރި ރައްޓެއްސަކު މާލޭގައި ހުރި މީހަކަށް ރައްދުކޮށްދިނުމަށް އެދި ހަވާލުކުރި ސައިކަލުގެ ސްޕެއާޕާޓްސް އަޅާފައި ހުރި ތިން ފޮށިގަނޑުގައިވާ މަޑިއެއް ކަމަށް އެ ކުއްޖާ ބުނެފައިވާ ކަމަށް ވެސް ޝާޒް ވިދާޅުވި އެވެ. އަދި އެ މަސްތުވާތަކެތި މާލޭން ހަވާލުކުރަން ބުނި މީހާ ފުލުހުންނާ ގުޅިގެން މިހާރު ހޯދަމުންދާ ކަމަށް ވެސް ޝާޒް ވިދާޅުވި އެވެ.


ކަސްޓަމްސް ބުނީ ކޮންމެ ފަސެންޖަރަކު ވެސް އެ ފަސެންޖަރަކު ގެންނަ ލަގެޖާއި ތަކެއްޗަށް ފުރިހަމަ އަށް ޒިންމާވާން ޖެހޭނެ ކަމަށެވެ.


ގޮތް ނޭނގޭ މީހުން ދޭ ތަކެއްޗާ ހަވާލުނުވުމަށާއި އަދި ކޮންމެ މީހަކު ދިން އެއްޗެއް ކަމުގައި ވިޔަސް އެ ހަވާލުވެވޭ އެއްޗަކީ ކޯއްޗެއްކަން ޝައްކެއްނެތް މިންވަރަށް ޔަގީން ކުރުމަށް މީގެ ކުރިންވެސް ކަސްޓަމްސް އިން ވަނީ އެތައް ފަހަރެއްގެ މަތިން އިލްތިމާސްކޮށްފަ އެވެ.