އިސްލާމިކް ޔިނިވާސިޓީއާއި ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ބިލާ ގުޅިގެން އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާ އިން ހުޅުވާލައިފިއެވެ.

މި ހަފްތާތެރޭ މަޖިލީހަށް ހުށަހެޅި މި ދެބިލް މިހާރު އޮތީ ދިރާސާކުރުމަށް ކޮމިޓީ މަރުހަލާގައެވެ. މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ޖަލްސާގައި އެ ދެބިލް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށެވެ.

މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ދެބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އެ ދެބިލަށް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ކޮމިޓީގެ މެއިލް އެޑްރެސް ([email protected]) ނުވަތަ މަޖިލީހުގެ އިދާރާ އަށް ލިޔުމުން ފޮނުއްވުމަށް މަޖިލީހުން ވަނީ އެދިފައެވެ.

ސަރުކާރުގެ ފަރާތުންގައުމީ ޔިނިވާސިޓީގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލްހުށަހެޅީ، މަޑަވެލި ދާއިރާ މެމްބަރު ހުސައިން ފިރުޝާންއެވެ. ބިލް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، ބިލް ހުށަހެޅުމުގެ މަގުސަދަކީ، މީގެ ކުރިން ގެނެވުނު އިސްލާހުތަކާ ގުޅިގެން ބައެއް މާއްދާތަކާ ތައާރަޒުވުން ނައްތާލުމަށާއި އެ ގާނޫނު ތަންފީޒުކުރުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމަށްޓަކައި ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށެވެ.

ސަރުކާރުގެ ފަރާތުންއިސްލާމިލް ޔުނިވާސީޓީގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލްހުށަހެޅީ، އުނގޫފާރު ދާއިރާ މެމްބަރު ހުސައިން ވަހީދެވެ. ބިލް ހުށަހެޅުމުގެ މަގްސަދުގެ ގޮތުގައި ހިމަނާފައިވަނީ، ގަނޫނު ތަންފީޒު ކުރުމަށް ހުރި ގޮންޖެހުންތަށް ނައްތާލައި ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީ ހިންގުން އެއްގޮތް ކުރަން ކަމަށެވެ.