ޝަރުއީ ދާއިރާ އިސްލާހު ކުރަން ސުޕްރީމް ކޯޓާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އާއި އެހެނިހެން ދާއިރާތަކުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ދާއިރާގެ މައްސަލަތައް ހައްލު ކުރެވި، ކާމިޔާބީއާ ހިސާބަށް ދެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހުކުރު ދުވަހު ކޮމަންވެލްތުގެ ގައުމުތަކުގެ އިސް ވެރިން އޮސްޓްރޭލިއާގެ ޕާތުގައި ބާއްވާ ބައްދަލުވުމަށް ފުރާ ވަޑައިގަންނަވަމުން ރައީސް ނަޝީދު ވިދާޅުވީ ޕީޖީ އޮފީހަކީ ފުލުހުންނާއެކު މަސައްކަތް ކުރެވެންޖެހޭނެ އޮފީހެއް ކަމަށާއި އެފަދަ މާހައުލެއް އޮންނަންޖެހޭނެ ކަމަށެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ކުރިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސަގެ މައްސަލަތައް ތަހުގީގު ނުކުރެވޭ ކަމަށް ވިދާޅުވެ، ޕީޖީ އަހުމަދު މުއިޒް ކޯފާ އިސް ކުރައްވާ ފުލުހުންނާ ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ޕީޖީ މުއިޒްގެ މަޝްވަރާއާއެކު ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެ މަސައްކަތަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ.

"ޖުޑީޝަރީއަކީ އަޅުގަނޑުމެން ކޮންމެހެން އިސްލާހު ކުރަންޖެހިފަ އޮތް ދާއިރާއެއްކަން އަޅުގަނޑުމެންނަށް މާކުރިންސުރެ ފަށައިގެން އެނގޭ ހަގީގަތެއް. އަޅުގަނޑަށް އިނގޭ އެކަމުގައި ބައިވެރިވޭ ޖުޑީޝަރީގެ ގިނަ ބޭފުޅުންވެސް. ސުޕްރީމް ކޯޓް ވެސް ޕީޖީ ވެސް، އެހެން ދާއިރާތަކުން ވެސް. ޕީޖީ އޮފީހަކީ ފުލުހުންނާއެކު މަސައްކަތް ކުރެވެންޖެހޭނެ އޮފީހެއް. އެކަންކަމުގެ މާހައުލެއް ވެސް އުފެދެންޖެހޭނެ ކަން އަޅުގަނޑަށް ޔަގީން. އަޅުގަނޑު ދެކެނީ އޮންނާނެ ކަމަށް. އަޅުގަނޑުމެން ނުދެކެން މިކަންކަން އަޅުގަނޑުމެންނަކަށް ހައްލު ނުކުރެވޭނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

އޮސްޓްރޭލިއާއަށް ކުރައްވާ ދަތުރުގައި ކޮމަންވެލްތުގެ ވެރިންނާ ބައްދަލު ކުރައްވައި ރާއްޖޭގެ ފަނޑިޔާރުން ތަރައްގީ ކުރުމަށް އެކި ގައުމުތަކުން ކުރައްވާ މަސައްކަތްތައް ހަލުވިކޮށްދެއްއްވުމަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮމަންވެލްތުގެ ފުރޭމް ވޯކް ޕްރޮގްރާމެއްގެ ދަށުން ރާއްޖޭގެ ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގައި އެ ގައުމުތަކުން އެހީތެރިވެދެއްވާ ކަމަށެވެ.

ސާކް ސަމީޓްގެ މަސައްކަތާމެދު ހިންހަމަޖެހިވަޑައިގަންވާތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސާކް ސަމިޓްގެ މަސައްކަތާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށާއި ސާކް ސަމިޓްގެ މަސައްކަތްތައް އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ސަމިޓްގެ ކަންތަކާ ބެހޭ ވެރިން ތިއްބެވީ އައްޑުއާއި ފުވައްމުލަކުގައި ކަމަށާއި ސާކް ސަމިޓްގެ މަސައްކަތްތައް ކަނޑައަޅާފައިވާ ތާވަލްތަކަށް ނިންމޭނެ ކަމަށެވެ.
"ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން 2011" އޮސްޓްރޭލިއާގެ ޕާތުގައި ބާއްވާއިރު ކޮމަންވެލްތުގެ 54 ގައުމުގެ ފަރާތުން ރައީސް ނަޝީދު އޮސްޓްރޭލިއާގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާނެ އެވެ. އަންނަ ހުކުރު ދުވަހު ބާއްވާ ކޮމަންވެލްތުގެ ބައްދަލުވުން ރަސްމީކޮށް ހުޅުއްވައިދެއްވާނީ އިނގިރޭސީ ރާނީ ކުއީން އެލްޒަބަތެވެ. ރައީސް މާލެ ވަޑައިގަންވާނީ މި މަހުގެ 31 ގައެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

President Nasheed (mp3)