27 Jun 2019, 18:19
މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ކޯޓާ ދިނުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ ސިސިލްފަރު ގްރޫޕްއިން އޭސީސީއަށް ހުށަހެޅި މައްސަލަތައް މަޑުޖައްސާލައި ހައްޖާޖީންނަށް ހައްޖަށް ދެވޭނެގޮތް ހަދައިދިނުމަށް ސިސިލްފަރު ޖަމާއަތުން ގޮވާލައިފިއެވެ.
އެ ޖަމާއަތުގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ސިމާދު "ސަން" އަށް ވިދާޅުވީ މިއަހަރު މީހުން ހައްޖަށް ގެންދިއުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް އޭސީސީން އެ ޖަމާއަތަށް އަންގާފައިވާ ކަމަށެވެ.
ހައްޖަށް ގެންދާ ރާއްޖޭގެ ޖަމާއަތެއް ކަމަށްވާ މިނާ ގްރޫޕްގެ ހައްޖާޖީންނަށް ހައްޖަށް ދިއުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިނާ ގްރޫޕްގެ ހައްޖާޖީންނަށް ހައްޖަށް ދެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެ ގްރޫޕްއިން ހައްޖަށް މީހުން ގެންދިއުމުގައި ބޭނުންކުރާ އީ ޕޯޓަލް އަދިވެސް މިނިސްޓްރީން ހުޅުވައެއް ނުދެއެވެ.
އެކަމާ ގުޅިގެން ސިސިލްފަރު ޖަމާއަތުން ނެރުނު ބަޔާނުގައި ބުނީ އީ ޕޯޓަލް ހުޅުވައިނުދީގެން މިނާ ގްރޫޕްގެ ހައްޖުވެރިންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ގެއްލިދާނެތީ ކަންބޮޑުވާކަމަށެވެ.
އަދި މިހާރު ހުށަހަޅާފައިވާ މައްސަލަތައް ހައްޖު މޫސުން ނިމެންދަން މަޑުޖައްސާލައި މިފަހަރު ކޯޓާ ދިނުމުގައި ގެއްލުލް ލިބުނު ޖަމާއަތްތަކަށް ބަދަލު ދިނުމަށް ސިސިލްފަރުން ވަނީ ގޮވާލައިފައެވެ.
ސިސިލްފަރުން ވަނީ އަންނަ އަހަރު ހައްޖުގެ އަޅުކަން މިއަށްވުރެ އިންސާފުކޮށް ހަރުދާނާކޮށް ކުރިއަށްގެންދިއުމަށްވެސް ގޮވާލައިފައެވެ.