27 Jun 2019, 17:40
އައްޑޫ ސިޓީގައި ތަރައްގީކުރާ އާ ޓަޝިއަރީ ހޮސްޕިޓަލަށް ފަރުނީޗަރު ހޯދަން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ސާމާނު ހޯދުމަށް ތުރުކީގެ ކުންފުންޏެއް ކަމަށްވާ އަލްކޭ ތުރްމަކްސް ޖޮއިންޓް ވެންޗާ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ސޮއިކުރެއްވިއިރު އަލްކޭ ތުރްމަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޓެކްނިކަލް އޮފީހުގެ ޗީފް، ބެރިސްކަން ގޮގެބަކަންނެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 1،007،000 ރުފިޔާއަށެވެ. އަދި އެ މަސައްކަތް ހަވާލުކޮށްފައިވަނީ 45 ދުވަހާއި 65 ދުވަހުން ނިންމާގޮތަށް ޝަރުތުކޮށްފައެވެ.
މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި އެސެސަރީސް ސަޕްލައިކޮށްދީ އިންސްޓޯލްކޮށް އަދި ކަމިޝަންކުރުން ހިމެނެއެވެ. އަދި އޭގެ އިތުރުން އެތަކެތި ބޭނުންކުރުމަށް ތަނުގެ މުވަޒްފުންނަށް ދޭން ޖެހޭ ތަމްރީނުދީ އަހުލުވެރިކުރުންވެސް އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ.
އެ މަޝްރޫއަށް ހަރަދުކުރުމަށް އޮފިޑާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުުގެ ލޯނުއެހީގެ ދަށުން 9.9 މިލިއަން ޑޮލަރު އަދި ދައުލަތުގެ ބަޖެޓުން 2.6 މިލިއަން ޑޮލަރު ވެސް ވަނީ ކަނޑައަޅައިފައެވެ.