ގާނޫނު އަސާސީގެ 46 ވަނަ މާއްދާގެ ދަށުން ކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރުމަށް ފުލުހުންނަށް ކުރިމަތިވެފައިވާ ދަތިތަށް ހައްލުކުރުމަށް ސުޕްރީމް ކޯޓުގައި ފުލުހުން އެދިއްޖެ އެވެ.

އެންދެރިމާގޭ ކުރިމަތީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމާ ގުޅޭގޮތުން މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު ވިދާޅުވީ ލަކުޑި ބުރިއެއް އެއްލައި ކުއްޖެއްގެ ބޯފަޅާލި ކަމުގެ ތުހުމަތުގައި ޣައްސާން މައުމޫން ފުލުހުން ހައްޔަރުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ގާނޫނު އަސާސީގެ 46 ވަނަ މާއްދާގެ ދަށުން ކުށެއްގެ ތުހުމަތުގައި މީހުން ހައްޔަރުކުރުމުގައި ފުލުހުންނަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި އެގޮތުން ދުސްތޫރީ އެ މައްސަލަ ހައްލުކުރުމަށް ސުޕްރީމް ކޯޓުގެ އިޝްތިސާރީ ލަފަޔަކަށް ޕީޖީ މެދުވެރިކޮށް އެދިފައިވާކަމަށެވެ.

"ގާނޫނު އަސާސީގެ 46 ވަނަ މާއްދާއާއި މެދު އަމަލުކުރުމަށް ދިވެހިރާއްޖޭ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބެލެވެން ނެތް ކަމަށް ކުރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން 46 ވަނަ މާއްދާ އޮޕަރޭޓް ކުރުމުގައި ދަތިތަކެއް އަބަހުރި،" ޖިނާހު ވިދާޅުވި އެވެ. "ދުސްތޫރި މައްސަލަ ހައްލުކުރުމަށްޓަކާ ޕީޖީގެ މަޝްވަރާގެ ދަށުން މަސައްކަތް ކުރަމުން މި ގެންދަނީ. އަދި މިގޮތަށް އެދިމާވި މައްސަލައިގައި ކުށެއް ކުރަނިކޮށް ފެންނަ މީހުންނާއި ކުށްކުރުމުގެ ތެރެއިން އެވެށިން ފެންނަ މީހުން ގެނެވޭނެ. އެނޫން މީހުން ޕީޖީގެ ލަފަޔާ އިރުޝާދުގެ މަތިން ގެނެވޭނެ ގޮތްތަކެއް މި ދަނީ ރާވަމުން. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީ ވަނީ މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސާފު ޕޮޒިޝަނެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި،"

އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދި އިރު ފުލުހުން ބަޔާނެއް ނެރެ މިއަދު ބުނެފައިވަނީ "ކުށެއްކޮށްފި" ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރެވިފައި، ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ދަށުން އަދި ކޯޓަށް ހާޒިރު ނުކުރެވޭ ފަރާތްތައް ބަންދުގައި ނުބައިތިއްބަން ނިންމައި އެ ހާލަތުގައި ތިބި 11 މީހަކު މިއަދު ދޫކޮށްލާފަ އެވެ.

ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބުނަނީ "ހައްޔަރު ކުރާ މީހާއަށް ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެ އުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއްމ ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ހިފާ ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެން ނުވާނެ،" ކަމަށެވެ.

ޖިނާ ވިދާޅުވީ ފުލުހުން އަބަދުވެސް ކޯޓުގެ ހުކުމަށް އިހުތިރާމްކުރާނެ ކަމަށެވެ. ނަމަވެސް ކޯޓުން އެގޮތަށް ހުކުމް ކުރިނަމަވެސް ލަކުޑި ބުރި އެއްލިކަމަށް ޣައްސާންގެ މައްޗަށް ތުހުމަތު ކުރަނީ ހެކި ހުރެގެން ކަމަށާއި މުޒާހަރާ ހިނގި ވަގުތު ޣައްސާން ބެލްކަންޏަށް ނުކުތް ކަމަށް ތަހުގީގުގައި އިއުތިރާފް ވެފައިވާކަމަށެވެ. އަދި ފޮރެންސިކް ޓީމުން އެންދެރިމާގެ ބެލި ބެލުމުން އެފަދަ ލަކުޑި ބުރިތަކެއް ފެނުނު ކަމަށާއި މުޒާހަރާގެ ތެރެއިން ޣައްސާނުގެ ބައިވެރިވުން ފެނުނު އަށް މީހަކުތަހުގީގަށް ވާހަކަ ކިޔައިދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހެކިވެސް ހޯދިއްޖޭ. ތުހުމަތު ކުރެވޭ ކަންތަތަކުގައި ފުލުހުންގެ އިދާރާއަށް ގެނެސް ސުވާލުކުރި ކުރުމުގައި ވާހަކަދައްކަވަމުން ވިދާޅުވި ނުވަތަ ވިދާޅުވެވުނު ތިމަންނާ އެ ގަޑީގައި ބެލްކަންޏަށް ވެސް އެރީމޭ. ބެލްކަނީގައި ހުއްޓާ ފެނުނު ކަމަށް ގިނަ މީހުން ބުނޭ. އެބޭފުޅާއަށް އަމިއްލަފުޅަށް ވެސް ވިދާޅުވެވިއްޖެ ނޫނީ ވިދާޅުވި. އެ ހިސާބުން ވަކީލުގެ އިޝާރާތަކަށް ހަނު ހުރުމުގެ ހައްގު ލިބިފައިވަނީ. ފުލުހުންނަށް މި ގޮތަށް މި މައުލޫމާތުތަށް ލިބުނީމާ ކުށުގެ ތުހުމަތު ނުކުރެވެންވީ ސަބަބެއް ނެތް،" ޖިނާ ވިދާޅުވި އެވެ.

އެ އެއްވުމުގައި ޣައްސާނު ލަކުޑި ބުރި އެއްލި ކަމަށް ބާރު ލިބޭ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުން ވަނީ މިރޭ ދައްކާފަ އެވެ. އެ ފުޓޭޖުގައި ފެންނަނީ މަތިން އަންނަ ލަކުޑި ބުރިއެއް އެތަނުގައި އެއްވެފައިވާ މީހެއްގެ ބޮލުގައި ޖެހި އޭނާ ވެއްޓުމުން އެއްވެފައިވާ މީހުން ދުއްވައިގަންނަ ތަނެވެ. ނަމަވެސް އެ އެއްލީ ކާކުކަމެއް އަދި ކޮންތާކުން ކަމެއް ވީޑިއޯއަކުން ނުފެނެ އެވެ.