27 Jun 2019, 18:42
ދިރާގު ދިވެހި ލީގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ މާޒިޔާއިން އީގަލްސް ކޮޅަށް ޖެހި ގިނަ ގޯލުތަކާ އެކު ލަދުވެތި ގޮތަކަށް ނިލަންދޫ ބަލިވި ނަމަވެސް އެއީ ހުރިހާ ކަމެއްގެ ނިމުން ނޫން ކަމަށް ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
ލީގުގައި ކުޅުނު ދެވަނަ މެޗުގައި މާޒިޔާ ގާތުން ނިލަންދޫ ބަލިވީ 0-13 ގެ ބޮޑު ނަތީޖާއަކުންނެވެ. އެއީ ދިވެހި ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެހާ ތަފާތު ބޮޑު ނަތީޖާއަކުން ޓީމެއް ބަލިވި ފުރަތަމަ ފަހަރެވެ. އަދި ފަހުގެ ތާރީހުގައި މިފަދަ ބޮޑެތި ނަތީޖާތަކުން ޓީމުތައް ބަލިވާ ވާހަކަ އަކީ ވަރަށް މަދުން ނޫނީ އަޑު ނީވޭނެ ވާހަކަތަކަކަށް ވީ އިރު މެޗަށްފަހު ނިލަންދޫގެ ޓީމަށް ވަނީ ވަރަށް ގިނަ ބައެއްގެ ފާޑު ކިއުންތަކެއް އަމާޒުވެފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ނިލަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-13 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ މާޒިޔާ --- ފޮޓޯ/ ދިވެހި ޕްރިމިއާ ލީގު
އަދި އެ މެޗުގެ ނަތީޖާއާ އެކު ކުޅުންތެރިންގެ މެންޓަލިޓީއަށް ވެސް ބޮޑު އަސަރެއް ކުރެވިފައި ވާނެ ކަމަށް ބެލެވިފައި ވާ އިރު އެ ޓީމުގެ ކޯޗު ފެސްކޯ ބުނީ އެ މެޗުގެ ނަތީޖާ ހަންދާން ނައްތާލައި ކުރިއަށް އޮތް މެޗުތަކަށް ވިސްނުން މުހިއްމު ކަމަށެވެ. އަދި އެ މެޗުގެ ނަތީޖާއާ އެކު ހުރިހާ ކަމެއް ނިމުނީ ކަމަށް ނުދެކޭ ކަމަށެވެ.
"މާޒިޔާއާ އަޅުގަނޑުމެންނާ ހުރި ތަފާތު ފެނިގެން އެދިޔައީ. ދިވެހި ލީގުގެ އެއްވަނައާއި ފުލުގައި އޮތް ޓީމުގެ ތަފާތު އެއީ. ކޮންމެ މެޗެއްގަ އެ ސުކޯ ނުކުތުން އެއީ ލާޒިމު ކަމެއް ނޫން. ވެދިޔަތަން އެ ނިމުނީ. ދެން ކުރިއަށް އޮތްތާ ކުޅުންތެރިން މޯޓިވޭޓް ކުރެވެން އޮތް ގަތަކަށް މޯޓިވޭޓް ކުރުން އޮންނާނީ،" ފެސްކޯ ބުންޏެވެ.
ފެސްކޯ ބުނީ އެކަމާ ބެހޭ ގޮތުން އެންމެ ފަހުން އޮތް ޕްރެކްޓިސްގައި ވެސް ކުޅުންތެރިންނާ ވާހަކަ ދެއްކި ކަމަށެވެ. އަދި ކުޅުންތެރިން ތިބީ ރަނގަޅު މެންޓަލިޓީއެއްގައި ކަމަށާއި އަމާޒަކީ ކުރިއަށް އޮތް މެޗުތަކުގައި ރަނގަޅު ފެންވަރުގެ ކުޅުމެއް ދެއްކުން ކަމަށެވެ.
ނިލަންދޫ އިން ލީގުގެ ތިންވަނަ މެޗުގައި ބައްދަލު ކުރަން ޖެހޭނީ އީގަލްސްއާ އެވެ. އީގަލްސް މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ އެއްވަރު ވެފަ އެވެ.