27 Jun 2019, 15:51
ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފަންވާ ބާ ކައުންސިލުގެ އިންތިހާބު ގާނޫނުގައި ބުނެފައިވާ 21 ދުވަހުގެ ތެރޭގައި ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ގާނޫނީ ފަންނުގެ ބިލު ތަސްދީގު ކުރެއްވުމާ އެކު ބާ ކައުންސިލް ވަނީ ވުޖޫދަށް އައިސްފަ އެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ އިންތިހާބު 21 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ބާއްވަން ޖެހޭނެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް 'ސަން' އަށް ވިދާޅުވީ ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ އިންތިހާބަށް ގާނޫނު ތަސްދީގު ކުރުމާ އެކު ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އަދި 21 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"ފެށޭ ހަފްތާއިން ފެށިގެން އަޅުގަނޑުމެން ބާ ކައުންސިލުގެ ހިނގާ ކޮމިޓީގެ އިންތިހާބީ ތައްޔާރީތަކާ ބެހޭ މައުލޫމާތު އާންމު ކުރަމުން ގެންދާނަން." މެމްބަރު އަކްރަމް ވިދާޅުވި އެވެ.
ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހަކާއި ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެއްގެ މައްޗަށެވެ.
ބާ ކައުންސިލުގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމަށް ކުރިމަތިލެވޭނެ ޝަރުތުތަކެއް ހުރެ އެވެ. އެއީ ގާނޫނީ ދާއިރާގައި މަސައްކަތް ކުރާތާ ފަސް އަހަރު ވުމާއި ގާނޫނީ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން އެމީހެއްގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ މައްސަލައެއް ޝަރުއީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހަކަށް ނުވުމެވެ.
އޭގެ އިތުރުން ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ބާ ކައުންސިލުގެ ހިންގާ ކޮމިޓީގެ މެމްބަރަކަށް ނުވެވޭނެ އެވެ.
ބާ ކައުންސިލުގެ ރައީސް އަދި ނައިބު ރައީސް އަކަށް ކުރިމަތިލާ ވަކީލުންގެ ވެސް ޝަރުތުތަކެއް ހުރެ އެވެ. އޭގެތެރޭގައި ގާނޫނީ ވަކީލެއްގެ ގޮތުން 10 އަހަރު މަސައްކަތް ކޮށްފައި ވާ މީހަކަށް ވާން ޖެހެ އެވެ.
ބާ ކައުންސިލުގެ ހިނގާ ކޮމިޓީއަށް ގިނަ ބާރުތަކެއް ލިބިގެންވެ އެވެ. އެގޮތުން ވަކީލުންނާ މެދު ވިޔަވަޅު އެޅުމާއި ހުއްދަ ހިފެހެއްޓުމާއި ގާނޫނީ ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ކުރަން ޖެހެނީ ބާ ކައުންސިލުންނެވެ.
ބާ ކައުންސިލު ވުޖޫދުވުމަށް ފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.