27 Jun 2019, 15:58
މޮސްކޯ (ޖޫން 27) : ދާދިފަހުން ގަލްފުގެ ސަރަހައްދުގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ދިން ޙަމަލާތަކުގެ ފަހަތުގައިވަނީ ކޮންފަރާތެއްކަން ނޭންގޭކަމަށް ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިން ބުނެފި އެވެ.
ޔޫއޭއީ ގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު ވިދާޅުވީ އެމެރިކާއާއި އީރާނާދެމެދު ހިނގަމުންދާ އަރާރުންތަކުގެ ސަބަބުން ގަލްފުގެ ސަރަހައްދު ހޫނުވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޔޫއޭއީ ބޭނުންވާކަމަށާ ތެޔޮ ޓޭންކަރުތަކަށް ހަމަލާދިން ކަމުގެ އެކަށީގެންވާ ހެކިނެތި އެކަމުގެ ޒިންމާ އެއްވެސް ފަރާތެއްގެ ބޮލުގައި އަޅުވަން ޔޫއޭއީ ބޭނުންނުޥާ ކަމުގައެވެ.
ގަލްފުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ދެފަހަރެއްގެ މަތިން ހަމަލާތައް ދީފައިވެއެވެ. މީގެތެރެއިން އެއްފަހަރު ހަމަލާދިނީ ހުރްމުޒް ކަނޑުއޮޅި ކައިރިން ޔޫއޭއީގެ ފުޖައިރާ ބަނދަރު ބޭރުން މިދިޔަ މޭ މަހު ދަތުރުކުރި ތެޔޮޓޭންކަރުތަކަކަށެވެ. އަނެއްފަހަރު ހަމަލާދިނީ ގަލްފަށް ވަންނަ ދޮރުމަތީގައި އޮމާން ކަނޑުއޮޅިން މިޖޫން މަހުގެ ކުރީކޮޅު ދަތުރުކުރި ތެޔޮ ޓޭންކަރުތަކަކަށެވެ. މި ދެފަހަރު ވެސް ހަމަލާދީފައި ވަނީ މައިން އިންކަމަށް ޚަބަރުތައް ބުނެއެވެ. އެމެރިކާވަނީ އެދެ ހަމަލާތަކުގެ ޒިންމާވެސް އީޜާން ބޮލުގައި އަޅުވާފައެވެ. ނަމަވެސް ރަޝިއާގައި ވާހަކަ ދައްކަވަމުން ޔޫއެއީ ގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު ވިދާޅުވީ ގަލްފުގައި ދިން ޙަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތެއްގެ ބޮލުގައި އެޅުވޭވަރަށް ހެކި ލިބިފައިނެތް ކަމުގައެވެ.
އީރާނުންވަނީ އެއީ އީޜާނުގެ ބޮލުގައި އެޅުވުމަށްޓަކައި ސީދާ އެމެރިކާ ރާވައިގެން ދިން ދެ ހަމަލާ ނޫނީ ގަލްފުގެ ބައެއް ގައުމުތަކާ ގުޅިގެން އިސްރާއީލުން ދިން ދެ ހަމަލާ ކަމަށް ތުހުމަތުކޮށްފައެވެ.
ގަލްފުގެ ސަރަހައްދު ހޫނުކުރުމަށް ޓަކައި އެސަރަހައްދަށް ހަނގުރާމައިގެ މަނަވަރުތަކާއި ސިފައިން ފޮނުވައިގެން އީރާނާދެކޮޅަށް އެމެރިކާ ދޭ އިންޒާރުތަކާއި ދައްކާ ބިރުދެއްކުންތަކުގައި އެމެރިކާއަށް ތާއީދުކުރާ މައިގަނޑު ދެގައުމަކީ ސައޫދީ އާއި އޫއޭއީ އެވެ. ސައޫދީ ވަނީ ދާދިފަހުން އީރާނުން އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓެއް ވައްޓާލި މައްސަލާގައި އީރާނަށް ރައްދު ހަމަލާދޭން އެމެރިކާ ފަސްޖެހުމުން އެމެރިކާއާމެދު ހިތްހަމަނުޖެހިފަ އެވެ.
ނަމަވެސް ސައޫދީއާ ޚިލާފަށް އީރާނުން އެމެރިކާގެ ޖާސޫސީ މަތިންދާބޯޓު ވައްޓާލި ޙާދިސާއަށްފަހު ޔޫއޭއީ ވަނީ ބިރު ހީވެފަ އެވެ. މިއާއެކު ޔޫއޭއީ ވަނީ ފުރަތަމަ ފަހަރަށް ގަލްފުގެ މަސްރަހް ފިނިކުރުމަށާއި ހަނގުރާމަ ބޭނުން ނުވާކަށް ގޮވާލާފަ އެވެ. އެމެރިކާގެ ޖާސޫސީ މަތިންދާބޯޓު އީރާނުގެ ވައިގެ ސަރަހައްދަށް ވަނީ ޔޫއީގެ ބޭހަކުން ނައްޓާލައިގެންކަން ބޭޒާރުވުމާ އެކު އީރާނުން ޔޫއޭއީ އަށް އިންޒާރުދީ އީރާންގައި ހުންނަވާ ޔޫއޭއީގެ ސަފީރުވަނީ އީޜާނުގެ ޚާރިޖިއްޔާއަށް ޙާޒިރުކޮށް ޔޫއޭއީއަށް އިންޒާރުދީ އިހްތިޖާޖްގެ ލިޔުމެއް އޭނާއާވަނީ ހަވާލުކޮށްފައެވެ. އީޜާނުގެ އެ އިންޒާރުތަކާއެކު ޔޫއޭއީވަނީ ކަންބޮޑުވާގޮތްވެފައެވެ.
ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ދިން ޙަމަލާތަކުގެ ފަހަތުގައިވަނީ ކޮންފަރާތެއްކަން ނޭންގޭކަމަށް ވިދާޅުވެ އެމައްސަލާގައި އެމެރިކާ އީރާނަށް ކުރި ތުހުމަތުތަކާ މުޅިން ޚިލާފަށް ޔޫއެއީގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު ވާހަކަ ދެއްކުމަކީ މިކަމުގައި ޔޫއޭއީ ކަންބޮޑުވާ މިންވަރު ހާމަވެގެންދިޔަ ކަމެއްކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)