27 Jun 2019, 14:58
ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓާ ބާ ކައުންސިލެއް އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނީ ފަންނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއެކު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ފަރާތުން އިންތިހާބު ކުރެވުނު ލަތީފާ ގާސިމްގެ މެމްބަރުކަން ގެއްލިއްޖެ އެވެ.
ގާނޫނީ ފަންނުގެ ބިލު މަޖިލީހުން ފާސް ކުރީ މިދިއަ އަންގާރަ ދުވަހު އެވެ.
ގާނޫނީ ފަންނުގެ ބިލު ގާނޫނަކަށް ވާ ހިސާބުން މިހާރު ޖޭއެސްސީގައި ވަކީލުން ތަމްސީލު ކުރައްވާ ވަކީލު ލަތީފާ ގާސިމް މަގާމު ގެއްލޭނެ ކަމަސް އެ ގާނޫނުގައި ބުނެފައިވެ އެވެ.. އެއީ ގާނޫނުގެ 69 ވަނަ މާއްދާގެ (ށ)ގައި ވަކީލުން ފަރާތުން ޖޭއެސްސީއަށް އިންތިހާބު ކޮށްފައިވާ މެމްބަރު ބިލު ފާސްވެ ގާނޫނަކަށް ވާ ހިސާބުން މަގާމުން ވަކިވެގެންދާނެ ކަމަށް ބަޔާންކޮށްފައި އޮންނާތީ އެވެ.
އެމާއްދާގައި (ހ) ގައި ބުނެފައިވަނީ ޖެއެސްސީއަށް އިންތިހާބު ކުރާ ގާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެމްބަރުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކަށް ވާން ޖެހޭނެ ކަމަށެވެ.
ޖޭއެސްސީއަށް ވަކީލުންގެ ފަރާތުން މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކުރެވޭތާ 15 ދުވަހުން ފެށިގެން ބާއްވަން ވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ.
ލަތީފާ ޖޭއެސްސީއަށް އިންތިހާބުކޮށް މެމްބަރު ކަމާ ހަވާލުވީ 2014 ނޮވެމްވަރު ހައެއްގައެވެ. އެފަހަރު ބޭއްވި އިންތިހާބު ލަތީފާ ކާމިޔާބު ކުރެއްވީ 283 ވޯޓު ލިބިވަޑައިގެންނެވެ. އޭނައާ އެންމެ ގާތުން ވާދަކުރެއްވި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ލިބިވަޑައިގަތީ 163 ވޯޓެވެ.
ގާނޫނީ ފަންނުގެ ބިލުގައި ތަސްދީގު ކުރުމުން ބާ ކައުންސިލު ވުޖޫދުވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ. ބާ ކައުންސިލު ވުޖޫދު ވާތާ 21 ދުވަހުގެ ތެރޭގައި ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އިންތިހާބުކުރުމަށް އިންތިހާބެއް ބާއްވާން ޖެހެއެވެ. ފުރަތަމަ އިންތިހާބު ބޭއްވުމުގެ މަސްއޫލިއްޔަތު ބިލުން ހަވާލުކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނާއެވެ.
ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެއްގެ މައްޗަށެވެ.
ބާ ކައުންސިލު ވުޖޫދުވުމަށްފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.