27 Jun 2019, 14:59
އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރު އަދި އެކްސަސަރީސް ގެނައުމަށް ތުރުކީ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ތުރުކީގެ އަލްކޭ ތުރްމަކްސް ޖޮއިންޓްވެންޗާ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި މި ކޮންޓްރެކްޓުގެ އަގަކީ 1،007،000.00 ޑޮލަރެވެ. މި މަޝްރޫއަށް އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓުން އަދި ސައުދީ ފައުންޑް ފޯ ޑިވެލޮޕްމެންޓުގެ ލޯނު އެހީގެ ދަށުން 9.9 މިލިއަން ޑޮލަރު ހަރަދު ކުރާނެއެވެ. ދައުލަތުގެ ބަޖެޓުން މި މަޝްރޫއަށް 2.6 މިލިއަން ޑޮލަރު ހަރަދު ކުރާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ބައެއް ފަރުނީޗަރާއި އެކްސަސަރީޒް ރާއްޖެއިން ބޭރުން ގެންނާނެއެވެ. ބައެއް ތަކެތި ޕްރޮކިޔޯ ކުރަނީ ރާއްޖެއިންނެވެ.
ކޮންޓްރެކްޓުގެ މުއްދަތަކީ 45 ދުވަހާއި 65 ދުވަހާ ދެމެދުގެ މުއްދަތެކެވެ. މި މަޝްރޫއުގެ ދަށުން ތުރްމަކްސް ކުންފުނިން އައްޑޫގައި އަލަށް ހުޅުވަން ތައްޔާރުވާ ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި އެކްސަސަރީޒް ސަޕްލައި ކޮށްދީ، އިންސްޓޯލްކޮށް ކޮމިޝަން ކުރާނެއެވެ. އަދި އެތަކެއްޗަށް ހޮސްޕިޓަލުގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ. ތުރްމަކްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުުނީގެ ޓެކްނިކަލް އޮފީހުގެ ޗީފް ބެރިސްކަން ގޮގެބަކަންއެވެ.
ސަތޭކަ އެނދާއެކު ތަރައްގީކުރަމުންދާ އައްޑޫގެ އާ ހޮސްޕިޓަލަށް މި ހަފްތާގައި ވަނީ އެމްއާރުއައި މެޝިނެއްވެސް ގެނެސްފައެވެ. ދުބާއީއިން އެ މެޝިނު ގެނެސްފައިވަނީ މެކްސިމަސް އެއާ ކާގޯގައި، ދުނިޔޭގެ އެންމެ ބޮޑު އެއް އެއާކްރާފްޓުގައެވެ. އެއީ އެންޓޮނޮވް އޭއެން 124 މަރުކާގެ ބޯޓެވެ.