27 Jun 2019, 14:36
މިނާ ގްރޫޕްގެ ހަވާލުގައި މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންނަށް ހައްޖަށް ދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނާ ގްރޫޕްއިން ހައްޖަށްދާ ބައެއް މީހުން މީގެ ދެ ދުވަސްކުރިން "ސަން"އަށް މައުލޫމާތު ދެމުން ބުނީ ހައްޖަށް ދެވޭނެކަމުގެ އުންމީދު ނެތްކަމަށް އެ ގްރޫޕްއިން އަންގާފައިވާ ކަމަށެވެ.
މިނާ ގްރޫޕް މެދުވެރިކޮށް މިއަހަރު 90 މީހުން ހައްޖަށް ދެެއެވެ. އެ ގްރޫޕްއިން ހައްޖަށް ދިއުމަށް ކޮންމެ މީހެއްގެ އަތުން 69،965 ރުފިޔާ ވަނީ ނަގައިފައެވެ.
މިއަހަރު ހައްޖަށް މީހުން ގެންދިއުމުގައި ދޫކުރި ކޯޓާތަކުގައި މައްސަލަ އުޅޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. ނަމަވެސް ހައްޖުގެ ކަންކަން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީއަށް ލަފާދީފައިވާކަމަށް އޭސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީގެ ނާއިބު ޝާފިއު އަލީ "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ މިނާ ގްރޫޕްއިން ހައްޖަށް ދާ މީހުންނަށް މައްސަލަތައް ދިމާވީ އެ ގްރޫޕްއިން މައުލޫމާތު ރަނގަޅަށް ފުރިހަމަކޮށް ހުށަނާޅާތީ ކަމަށެވެ. އެގޮތުން އެ ގްރޫޕްގެ އިސްވެރިއެއްގެ ނައިބެއްގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ވަނަވަރާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހައްޖަށް މީހުން ގެންދިއުމަށް އެކި ގްރޫޕްތަކުން އީ ޕޯޓަލްއެއް ބޭނުން ކުރެއެވެ.
މިނާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުޖެއިލް "ސަން" އަށް ވިދާޅުވީ ހައްޖުގެ އީ ޕޯޓަލް މިނިސްޓްރީން އެ ގްރޫޕަށް މިހާތަނަށްވެސް ހުޅުވާނުލާ ކަމަށެވެ.
މިނިސްޓްރީގެ ނާއިބު ވިދާޅުވީ އީ ޕޯޓަލް ހުޅުވާލުމަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށާއި އަދި ވަރަށް އަވަހަށް ހުޅުވާލެވޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.