27 Jun 2019, 14:45
ރާއްޖެއިން ޔޫރަޕްއަށް މަހުގެ ބާވަތްތައް ބޭރުކުރުމުގައި އިތުރު ލުއިގޮތްތައް ހޯދުމަށް މަޝްވާރާކޮށްފައެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިިދު މިހާރު ބެލްޖިއަމްއަށް ކުރައްވަމުންދާ ދަތުރުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ކޮމިޝަނަރު ފޮރ ޓްރޭޑް، ސިސީލިއާ މެލްމްސްޓްރޮމްއާއި ވަނީ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުގައި ރާއްޖޭގެ މަހުގެ ބާވަތްތަކުގެ މާކެޓް އިތުރުކޮށް މަސް ބޭރުކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ލުއިގޮތްތަކެއް ހޯދުމަށް ވަނީ މަޝްވަރާކޮށްފައެވެ.
އީޔޫގެ ގާނޫނުތަކުގެ ދަށުން ވަރަށް ގިނަ ގަވައިދުތަކަަށް އަމަލުކުރަން ޖެހެއެވެ. އަދި ދޭތެރެ ދޭތެރެއިން ރާއްޖެއިން ބޭރުކުރާ މަހުގައި ޑިއުޓީގެ މައްސަލަވެސް ދިމާވެއެެވެ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ.
އިޔޫއިން ދާދިފަހުން ވަނީ ރާއްޖެއާ ދެކޮޅަށް ކުރީ ސަރުކާރުގައި އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއްވެސް އުވާލައިފައެވެ.
ޝާހިދުގެ ދަތުރުގައި ވަނީ ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް، ޕައޯލާ ޕަމްޕޮލީނީއާއިވެސް ބްރަސަލްސްގައި ބައްދަލުކުރައްވާފައެވެ.
މޫސުމީ ބަދަލުތަކާއި، ޤާނޫނުގެ ވެރިކަން ހިންގުމާއި، އިންސާނީ ހައްގުތަކާއި، އިގުތިސާދީ ތަރައްގީއާއި އަދި އެނޫންވެސް ދާއިރާތަކުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވި ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުން ވަނީ ޑިމޮކްރަސީ އިޔާދަކޮށް، އިސްލާހީ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދިވެހިރާއްޖޭގައި ޑިމޮކްރަސީ އަށަގަނެ، ކުރިއަރުވަން ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަގީންކަން އެބޭފުޅުން އެރުވިއެވެ.