27 Jun 2019, 15:41
ރައްޔިތުންގެ މަޖިލީހާ ގުޅޭ ޚަބަރުތައް ކަވަރުކުރާ ނޫސްވެރިންނާ، އެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މަޖިލިސް އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި އަމީން އާންމު އައިމިނަތު ނިއުޝާއާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ، އަދި މަޖިލީހުގެ އިދާރާގެ އެހެނިހެން އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.
އަދި މި ބައްދަލުވުމުގައި ރާއްޖޭގެ ބައެއް ނޫސްތަކާއި ޓީވީ ޗެނަލްތަކުގެ އިސްވެރިންނާއި، މަޖިލީހުގެ ޚަބަރުތައް ކަވަރުކުރާ ނޫސްވެރިންވެސް ބައިވެރިވިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ނޫސްވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ މަޖިލިސް
މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވަނީ މަޖިލީހުގެ ޚަބަރުތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ހުރި ގޮންޖެހުންތައް އޮޅުންފިލުއްވާފައެވެ. އަދި އެ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލިސް އާ އިމާރާތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ އިމާރާތުގައި ނޫސްވެރިންނަށް ހާއްސަކުރެވިފައިވާ ކޮޓަރިއެއް ހިމެނާފައިވާ ކަމަށެވެ. އަދި އެ ކޮޓަރީގައި ނޫސްވެރިންނަށް ޓީވީއިން މަޖިލީހުގެ ޖަލްސާތައް ބެލުމާއި، ޚަބަރު ލިޔެ، ޚަބަރު އަޕްލޯޑުކުރެވޭނެ އިންތިޒާމު ހަމަޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ނޫސްވެރިންނަށް ހާއްސަކުރެވިފައިވާ ޕްރެސް ރޫމްގައި މެމްބަރުންނާ އިންޓަވިއުކޮށް، ޚަބަރު އެޑިޓްކޮށް ޚަބަރުވެސް އެރުވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އަދިވެސް އާ އިމާރާތަށް އެކޮށް ރަސްމީކޮށް މަސައްކަތްތައް ބަދަލު ނުކުރާކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ އިމާރާތްތައް ރަސްމީކޮށް ބައެއް މަސައްކަތްތަށް ބަދަލުކުރާނެ ކަމަށެވެ.
މަޖިލީހުން ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ކަމަށާއި ވަރަށް ގިނަ ގޮތް ގޮތުން ނޫސްވެރިންނަށް ފަސޭހަކޮށްފައިވާ ކަމަށް ނޫސްވެރިން ފާހަގަ ކުރިއެވެ.