ފުރަގަސްފަރާތުގައި ފޮރުވައިގެން މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އަންހެން ހައްޔަރުކުރީ އާއިލީ ބައްދަލުވުމަކަށް މާފުށީ ޖަލަށްދާ މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކ.މާފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ 15:10 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު އޭނާގެ ފުރަގަސްފަރާތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 04 ރަބަރު ޕެކެޓާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ ބެލޫނަކާއި މޮބައިލް ފޯނެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 13 ދުވަހުގެ މުއްދަތު ވަނީ ޖަހައިދީފައެވެ.

ފުލުހުން ބުނީ އެ މައްސަލަ ކ.މާފުށި ޕޮލިސް ސްޓޭޝަނުންދަނީ މިހާރު ތަހުގީގްކުރަމުންދާ ކަމަށެވެ.