ރާއްޖޭގެ އާބާދީ ތެރޭގައި ދިރިއުޅޭ ބިދޭސީންނާމެދު ވެސް ވިސްނައި އެމީހުންނާއެކު އުޅެވޭނެ ގޮތްތަކެއް ދިވެހިން ހޯދަންޖެހިފައިވާ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީއަށް ހަތް ބިލިޔަން ހަމަވާތީ އދ. އިން ތައްޔާރުކުރި ދުނިޔޭގެ އާބާދީގެ ޙާލަތާބެހޭ ރިޕޯޓް، ނެރެއްދެއްވުމަށް ރާއްޖޭގައި ހުންނަ އދ. އޮފީސް، ޔޫއެން ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

" ރާއްޖޭގައި ބިދޭސީން ވެސް އުޅޭކަން ދަނެގެން، އެންމެންނަށް އެކީގަ އުޅެވޭނެ ގޮތްތަކާ ދޭތެރޭގައި ވިސްނަންޖެހޭއިރު ހަމަ އެކަނި މިއަދު ދިވެހި އާބާދީއަކަށް ވިސްނައިގެން އަޅުނގަޑުމެންނަކަށް ހަމަޖެހިލައިގެން އުޅެވޭކަށް ނެތް،" ނައިބް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އާބަދީ ތިން ލައްކައަށް ވުރެ މަތި އިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު 80000 އަށް ވުރެ ގިނަ އެވެ. ދުނިޔޭގެ އާބާދީއަށް ހަތް ބިލިއަނަށް ހަމަވާނީ އަންނަ ހޯމަ ދުވަހު އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީ އާބާދީގެ މައްޗަށް ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއިރު ފަގީރުންނާއި މުއްސަނދިން ތަފާތު ނުކުރުމަށް ވެސް ގޮވައިލެއްވެވި އެވެ. ވިދާޅުވީ ރާއްޖޭގައި މުއްސަދިންނާއި ފަގީރުންގެ ތަފާތު ބޮޑުވަމުންދާ ކަމަށާއި އެ ތަފާތުގެ ސަބަބުން ހަމަނުޖެހުންތަކެއް ހިނގައިފާނެ ކަމަށެވެ. އެކަން ހައްލު ކުރުމަށް ސަރުކާރުން ވަރަށް ގިނަ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ދުނިޔޭގެ އާބާދީގެ މައްޗަށް އަލި އަޅުވައިލައްވަމުން ވިދާޅުވީ ވޭތުވެދިޔަ 50 އަހަރު ދުވަހު ތެރޭގައި ދުނިޔެއަށް އެދެވޭ ރަނގަޅު ބަދަލުތަކެއް އައިސްފައިވިޔަސް ދުނިޔޭގެ އާބާދީއަށް އަހަރަކު 88 މިލިއަން މީހުން އިތުރުވަމުން އަންނަ ކަމަށާއި އޭގެ ސަބަބުން އިގްތިސޯދީ އިޖުތިމާއީ އަދި ތިމާވެށީގެ މައްސަލަތައް އިތުރުވެފައިވާއިރު އެކަންކަން ހައްލުކުރެވޭނީ "އެކަކު އަނެކަކަށް ބަލައިގެން" ކަމަށެވެ.

"އެކަކު އަނެކަށް ބަލައިގެން" މި ޝިޔާރަކީ ދުނިޔެއަށް ހަތް ބިލިއަން މީހުން އިތުރުވުމުން ބޭނުން ކުރާ ޝިޔާރެކެވެ. ޔޫއެންއެފްޕީއޭ ގުޅިގެން ރާއްޖޭގައި ފަށާފައިވާ "އެކަކު އަނެކަކަށް ބަލައިގެން" މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އާބާދީ ތަރައްގީ ކުރަން ރާއްޖެއިން ހަތް ދާއިރާއެއް ވަނީ ކަނޑައަޅާފަ އެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި އަންހެނުން ބާރުވެރިކުރަން މަސައްކަތްތަކެއްކުރަން ޖެހޭކަމަށާއި ދިވެހި އާބާދީގެ 50 ޕަސެންޓް މީހުންނަކީ ޒުވާނުންނަށްވާއިރު އެމީހުންގެ ހާލަތު ރަނގަޅުކޮށް، ފުރާވަރުގެ އަންހެން ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ކަމަށެވެ. އާއިލާތަކުގެ ގުޅުމާއި ސިއްހަތު ހަރުދަނާ ކުރުމަށާއި ތައުލީމަށް އިންވެސްޓުކޮށް ދުވަސްވީ މީހުންގެ ހާލަތު ރަނގަޅު ކުރުމަށް ވިސްނަންޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އާބާދީ ރިޕޯޓް ނެރެއްދެއްވި ރަސްމިއްޔާތުގައި އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެސިޑެންޓް ކޯޑިނޭޓާ މިސް ޒެބާ ބުހާރީ އާއި ޔޫއެންއެފްޕީއޭގެ ޕްރޮގްރާމް ކޯޑިނޭޓަރު މރ. ރޫން ބޭންޑްރަޕް އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Dr. Mohammed Waheed (mp3)