ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގައި ހިމެނޭ އާ ފަސިންޖާ ޓާމިނަލްގެ ޕްލޭނަށް ބަދަލު ގެނެސް އެ މަޝްރޫއާ ކުރިންވެސް ހަވާލުވި ސައުދީގެ ކޮންޓްރެކްޓާ ބިންލާދިން ގްރޫޕްއާއެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވެ ޕަސެންޖާ ޓާމިނަލް ބޮޑުކުރާނެކަމުގެ ވާހަކަތަކެއް ދެއްކި ނަމަވެސް މިއަދު ސޮއިކުރި އެއްބަސްވުމުގައި ޓާމިނަލް ބޮޑުކުރުމުގެ އެއްވެސް ޕްލޭންއެއް ހިމަނާފައެއް ނުވެ އެވެ.

ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ސޮއިކުރެއްވިއިރު ބިންލާދިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޝަން އޮފިސަރު އިންޓަނޭޝަން ، ޕައުލޯ ޕީގީ އެވެ

އާ ޓަމިނަލް އެޅުމަށް ހަމަޖައްސައިފައިވަނީ އެއާޕޯޓްގެ ހުޅަނގު ދެކުނު ފަރާތުން 73،000 އަކަ މީޓަރުގެ ސަރަހައްދެއްގަ އެވެ.

ބިންލާދިން ގްރޫޕްއަށް 350 މިލިއަން ޑޮލަރަށް އާ ޓާނިމަލް ހެދުމުގެ މަޝްރޫއުގައި ސޮއިކުރީ 2016 ވަނަ އަހަރު އެވެ.

އެއާޕޯޓްގެސް އެކްޓިން އެމްޑީ ސޯލިހް ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލަތަކާއި ފައިސާގެ ތާށިކަމާ ހުރެ މަޝްރޫއު ލަސްވި ކަމަށާއި އަދި 2022 ވަނަ އަހަރު ޖުލައި މަހު އާ ޓާމިނަލް ނިންމާލެވޭނެކަމަށެވެ. އާ އެއްބަސްވުމާއެކުވެސް އެ މަޝްރޫއުގެ އަގަށް ބަދަލެއް ނާންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސޯލިހް ވިދާޅުވީ ޓާމިނަލްގެ ޑިޒައިން ދިވެހި ވަންތަ ޑިޒައިންއަކަށް ބަދަލުކުރުމަށް މިހާރު ނިންމާފައިވާކަމަށާއި އަދި އެކަމަށް ދިވެހި އާކިޓެކްޓަކުވެސް ކަނޑައަޅާފައިވާ ކަމަށެވެ. އެ ޑިޒައިން ކުރިއަށް އޮތް ތިން މަސްދުވަސް ތެރޭ ދައްކާލާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޓާމިނަލްގެ އަމަލީ މަސައްކަތް މަސް ދުވަސްތެރޭ ފެށޭނެކަމަށްވެސް ސޯލިހް ވިދާޅުވި އެވެ.

ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ އަށް ބިލިއަން ޑޮލަރު ހަރަދު ކުރާއިރު އެ މަޝްރޫއުގައި ހިމެނޭ އާ ރަންވޭގެ މަސައްކަތް ވަނީ ނިމިފަ އެވެ. އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު އާ ފިއުލްފާމާއި ވީއައިޕީ ޓާމިނަލްގެ އިތުރުން ކާގޯ ކޮމްޕްލެކްސްގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ.

އާ ޓާނިމަލްގެ 11 ޕަސެންޓްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ސޯލިހް ވިދާޅުވި އެވެ.