ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ ޕޯސްޓު މެދުވެރިކޮށް ތިން ގައުމަކުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެތަކެތި އަތުލައިގެންފައި ވަނީ ޕާރުސަލްތައް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މީގެ ތެރޭގައި ހިމެނެނީ ތުރުކީ އިން ރާއްޖެ އަށް އެތެރެކުރަން އުޅުނު 37 ގްރާމުގެ ކެނަބިސް އާއި އިނގިރޭސިވިލާތުން ރާޢްޖެ އެތެރެކުރަން އުޅުނު 61 ގްރާމުގެ އެމްޑީއެމްއޭ ކްރިސްޓަލް އަދި 32 ގްރާމުގެ އެމްޑީއެމްއޭ ކްރިސްޓަލްގެ އިތުރުން ލަންކާ އިން ރާއްޖެ އެތެރެ ކުރަން އުޅުނު އެމްޑީއެމްއޭ ފަސް ގުޅަ އެވެ.

މީގެ ތެރެއިން ތުރުކީ އިން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ދެން ހުރި ތަކެއްޗަކީ މިހަހުގެ 19 ވަނަ ދުވަހު އަތުލައިގެންފައިވާ މަސްތުވާތަކެއްޗެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.