28 Jun 2019, 10:22
އުދަ އަރާ ދުވަސްވަރު ފެން ހިންދޭނެ ގޮތަކަށް މާލޭގެ އިރުމަތީ ފަރާތުގެ ތޮށިގަނޑު ބޭރަށް ޖެއްސައިގެން އެ ސަރަހައްދު ތަރައްގީކުރުމަށް ޕްލޭނިންގް މިނިސްޓްރީން ނިންމައިފިއެވެ.
ކާނިވާ ސަރަހައްދާއި ސަލްމާން ރަސްގެފާނު މިސްކިތް ބިނާ ކުރާ ސަރަހައްދާ ދިމާލުން، މާލޭގެ ބޭރު ތޮށި ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ.
އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓު ހަދައި، އާންމު ކޮށްފައިވާ އިރު އީއައިއޭ އަށްބެލުމަށް ފަހު މިހާރު އޮތް ޕްލޭނަށް ބަދަލު ގެންނަން ޖެހޭ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިހާރު މާލޭގެ އިތުމަތީގައި އޮންނަ ތޮއްޓާ ގުޅުވައިގެން ބޭރަށް ވާގޮތަށް ހަދާ ތޮއްޓަކީ އުދަ އެރުން ކޮންޓްރޯލު ކުރުމަށް ހަދާ ތޮއްޓެއް ކަމަށެވެ. އެ ތޮށީގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
"ތޮށި ބޭރަށް ޖެއްސުމުންވެސް އުދަ އަރާ ނަމަ ފަސޭހައިން ފެން ހިންދޭނެ ނިޒާމަކާ އެކު އެ ސަރަހައްދު ތަރައްގީކުރާނީ،" ޕްލޭނިން މިނިސްޓްރީއިން ބުންޏެވެ.
ޖޫން 15، 2019 ވަނަ ދުވަހު މާލޭއަށް އުދަ އަރާ ފެންބޮޑުވުން. ކާނިވާ ސަރަހައްދު ފެންބޮޑުވެފައި -- ސަން ފޮޓޯ / ފަޔާޒު މޫސާ
އެ ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމަށް ހަދާފައިވާ އީއައިއޭގައި ބުނެފައި ވަނީ އިރުމަތީ ފަރާތު ތޮށިގަނޑު ބޭރަށް ޖައްސަނީ އުދަ އެރުމުގެ ސަބަބުން މާލޭ އިރުމަތީ ފަރާތުގައި ތަރައްގީކުރާ ކިންގް ސަލްމާން މިސްކިތާއި އެ ސަރަހައްދުގައި އޮންނަ އަލިމަސް ކާނިވާ ރައްކާތެރި ކުރުމަށް ކަމަށެވެ.
މުސްތަގުބަލުގައި އެ ސަރަހައްދު އިތުރަށް ތަރައްގީކުރަން ރާވާފައި އޮތުމަކީ ވެސް އެ މަސައްކަތް ކުރަން ބޭނުންވާ ސަބަބެއް ކަމަށް އީއައިއޭގައި ބުނެފައިވެއެވެ.
މީގެ ކުރިން ޕްލޭންކޮށްފައި އޮތީ ހަމައެކަނި އެ ސަރަހައްދުގައި ހިލަ ޖެހުމަށެވެ. ނަމަވެސް އާ އީއައިއޭއެއް ހެދީ، ހިލައިގެ އިތުރުން ކޮންކްރީޓު ރިޓެއިނިން ވޯލްއެއް ހެދުމަށްޓަކައެވެ.
އެމްޓީސީސީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އާ އީއައިއޭ ހެދުމަށް މަސައްކަތް މަޑުޖައްސާލި ކަމަށާއި، އާ އީއައިއޭ ނިމުނީ އަންގާރަ ދުވަހު ކަމަށެވެ. އަދި މިހާރު މަސައްކަތްކުރަމުން ދަނީ ވީހާވެސް އަވަހަކަށް މަސައްކަތްތައް ފެށުމަށް ކަމަށްވެސް ވިދާޅުވިއެވެ.
މާލޭ އިރުމަތީ ފަރާތަށް އުދަ އެރުމަކީ ދޭތެރެ ދޭތެރެއިން ދިމާވާ ކަމެކެވެ. އެ ސަރަހައްދުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި އެ ސަރަހައްދުގައި ހުންނަ ރެސްޓޯރަންޓުތަކަށް އުދައިގެ ސަބަބުން ގެއްލުން ލިބެއެވެ.
އީއައިއޭގައި ލަފާދީފައި ވަނީ އެ ސަރަހައްދުގައި މިހާރު އޮންނަ ތޮށިގަނޑު ނަގައި އާ ތޮށިގަނޑު ހެދުމަށެވެ. ނަމަވެސް އެ ސަރަހައްދުގެ ފަރު ވަރަށް ބަލި ކަށިވެފައިވާކަން އީއައިއޭގައި ވަނީ ފާހަގަ ކޮށްފަ އެވެ. އެ ސަރަހައްދުގެ ދިރާސާ އެއް އެކަށީގެންވާ ގޮތަށް ކުރެވިފައި ނުވާތީ ދިގުމުއްދަތަކަށް ތިމާވެއްޓަށް ކުރާނެ އަސަރުތަކަށް ބަލައިގެން ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމަށް ވެސް އީއައިއޭގައި ލަފާދީފައިވެއެވެ.