27 Jun 2019, 11:54
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދާ ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ އާ ބެހޭ ހުރިހާ މައުލޫމާތެއް މީޑިއާގައި އާންމު ކުރުމުން ޖެންޑާ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ޝިދާތާ ޝަރީފް "ހޫނުފެނަށް ވެއްޓި"، ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ ވަނީ ޝައިމް ދައުލަތުގެ ބެލުމުގެ ދަށަށް އެންމެ ފުރަތަމަ ގެންދެވުނި ހިސާބުން އޭނާ ގެއްލުމާއި ހަމައަށް ހިނގާފައިވާ ކަންތައް ހިއްސާކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ ޝައިމް އެންމެ ފުރަތަމަ ދައުލަތަށް ނެގީ އާއިލާއިން އޭނާއަށް އިހުމާލުވެގެން ކަމަށެވެ.
އޭގެ ފަހުން ދަރުމައަށް ކުދިން ބަލާ މީހަކާ ރަސްމީކޮށް ޝައިމް ހަވާލު ކުރި ކަމަށާއި ނަމަވެސް ޝައިމް އުޅެމުންދިޔައީ ކުށުގެ ވެށީގައި ކަމަށްބުނެ، އޭނާ އާއި ހަވާލުވި ފަރާތުން ވަނީ އެ ޒިންމާ އަދާ ނުކުރެވޭނެ ކަމަށް ބުނެފައެވެ. އެންމެ ފަހުން ޝައިމް ދައުލަތަށް ނެގީ މިއަހަރުގެ ޖޫން މަހު ކަމަށާއި އޭނާ ބަހައްޓާފައި ހުރީ ކުޑަކުދިންގެ ހިޔާގައި، އެހެން ކުދިންނާ ވަކިން ކަމަށްވެސް މިނިސްޓަރި އިއްޔެ ވިދާޅުވިއެވެ. މިނިސްޓަރު ވަނީ ޝައިމް އެންމެ ފުރަތަމަ ދައުލަތަށް ނެގި ހިސާބުން އޭނާ ގެއްލުނު ދުވަހާއި ހަމައަށް ހިނގާފައިވާ ކަންތައްވެސް އާންމު ކުރައްވައިފައެވެ.
މިއާއެކު ސޯޝަލް މީޑިއާގައި މިނިސްޓަރު ޝިދާތާއަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ޝައިމްއާ ގުޅޭ ތަފްސީލުތައް އާންމު ކުރެވިގެން ނުވާނެ ކަމަށެވެ. ޝައިމް އަކީ އުމުރުން 14 އަހަރުގެ ކުއްޖެއް ކަމަށާއި ކުށުގެ ވެށީގައި އުޅުމަކީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކުރި ކަމަކަށް ނުވާނެ ކަމަށް އީވާ ވިދާޅުވިއެވެ. ޝައިމް އަކީ ކުށުގެ ވެށިން ގެނެވުނު ކުއްޖަކަށްވާތީ، އޭނާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށްވެސް އީވާ ވަނީ ވިދާޅުވެފައެވެ.
ކުރީގެ ބަންޑާރަނައިބު އަދި ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އާޒިމާ ޝަކޫރު ވިދާޅުވީ ޝައިމް ގެއްލުނީ އޭނާ ބަލަހައްޓަން އުނދަގޫވެގެން ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. ޝިދާތާ އެހުންނެވި މަގާމުގައި އާޒިމާވެސް ހުންނެވި ކަމަށާއި އެއީ ފަސޭހަ ވަޒީފާ އެއް ނޫންކަން ފާހަގަ ކުރައްވާ އާޒިމާ ވިދާޅުވީ މައުލޫމާތު އާންމުކުރުމުގައި ޒިންމާދާރުވާން ޖެހޭ ކަމަށެވެ.
މީގެ ކުރިން ޝިދާތާ ޖެންޑާ މިނިސްޓްރީގެ ނައިބެއްގެ ގޮތުގައި ހުންނަވަނިކޮށް ވ. ރަކީދޫގައި މަންމަގެ އަނިޔާތަކުގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލު މަރުވީވެސް މަގާމުގައި ހުންނަވާ ޒިންމާ އަދާ ނުކުރެއްވުމުން ކަމަށް ބުނެ، ޝައިމްގެ މައްސަލާގައިވެސް ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލު ކުރައްވާތީ، ޝިދާތާ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ބުނެ ދަނީ ހިޔާލު ފާޅުކުރަމުންނެވެ.
ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ބެލިފައި ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު އިއްޔެ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ހިޔާގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބޭ މުވައްޒަފުންނަކީ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިތިބި މީހުން ނޫން ކަމަށެވެ.
ޝައިމް ގެއްލުނު މައްސަލައިގެ ތަފްސީލު ބެއްލެވި ކަމަށާއި، އެފަދަ މައްސަލަތައް ހިނގުމަށް ދިމާވާ މައްސަލަތައް ޖެންޑާ މިނިސްޓްރީ ތެރޭގައްޔާއި އެފަދަ ކުދިން ބަލަހައްޓާ މަރުކަޒުތަކުގައި އެބަހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. "ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި، ސަމާލުކަން ނުދެވި އޮތް ދާއިރާއެއް މިއީ. އެތަންތަން ރަނގަޅު ކުރުމަށް މިދަނީ މަސައްކަތް ކުރަމުން. މައްސަލަތަކާ ގުޅިގެން ރަނގަޅު ކުރަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،"
ޝައިމް ގެއްލިގެން ހޯދާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެނާހެ ހަބަރެއް އަދި ނުވެއެވެ. ޝައިމް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އެކަމުގައި އާންމުންގެ އެހީއަށް ވަނީ އެދިފައެވެ.