27 Jun 2019, 12:31
ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދުމަށް ޖުޑީޝަލަ ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާން ކޮށްފި އެވެ.
ޖޭއެސްސީ އިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ގާޒީކަމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ 13:00ގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ގާޒީ ކަމަށް އެދި ހުށަހަޅާ ފަރާތަކީ އުމުރުން 25 އަހަރަށް ވުރެ މަތީ މީހަކަށް ވާން ޖެހެ އެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ.
ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް ވެސް ވާން ޖެހެ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީއަކަށް މުސާރައާއި އެލަވަންސްތައް ހިމަނައިގެން 48،00 ރުފިޔާ ލިބޭނެ އެވެ. އޭގެ އިތުރުން ފޯނު އެލަވަންސް އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެ އެވެ.
ޖޭއެސްސީން ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދުމަށް އިއުލާން ކޮށްފައި މިވަނީ ސުޕްރީމް ކޯޓުން އެ ގޮތަށް އެދިފައި ވަނިކޮށެވެ.